25 އަހަރަށްފަހު ޕީއެސްޖީ ޗެމްޕިއަންސް ލީގު ސެމީއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީއަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ.

ޕީއެސްޖީ ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާރ ފައިނަލްގައި ރޭ ކުޅުނު މެޗުން އިޓަލީގެ އެޓަލަންޓާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ލަނޑު ޖަހަން އެންމެ ފުރަތަމަ ފުރުޞަތު ލިބުނީ އެޓަލަންޓާއަށެވެ. އެޓަލާންޓާގެ ގޮމޭޒް އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ހުށިޔާރުކަމާއެކު ޕީއެސްޖީގެ ކީޕަރު ނަވާސްވަނީ ދިފާޢުކޮށްފައެވެ.

ޖެހިގެން އައި މިނަޓްގައި ކައުންޓަރ އެޓޭކެއްގައި ނޭމާއަށް ލިބިގެންދިޔަ ފުރުޞަތަކީ މުޅި މެޗުގައިވެސް ލަނޑެއް ޖަހަން ލިބުނު އެންމެ ހުސް ފުރުޞަތެވެ. ނަމަވެސް އޭރިއާތެރިއަށް ވަދެ ގޯލް ތެރެއަށް ބޯޅަ އޮޅާލަން ނޭމާ މަސައްކަތްކުރި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ މާދުރުން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގައިން އެޓަލަންޓާއިން ގިނަ ހަމަލާތަކެއް އުފެއްފިއެވެ. އަދި މެޗުގެ ފުރަތަމަ ލަނޑު ޖެހީވެސް އެޓަލަންޓާއިންނެވެ. މެޗުގެ 26 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ދުރުކަނަށް ފޮނުވލައިގެން މާރިއޯ ޕަސަލިޗް ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

މިލީޑާއެކު މެޗުގެ ފުރަތަމަ ހާފު އެޓަލާންޓާއިން ނިންމާލިއިރު، ދެވަނަ ހާފުގައި ޕީއެސްޖީގެ ހަމަލާތައް އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން ޕަބްލޯ ސަރާބިއާގެ ބަދަލުގައި ކީލިއަން އެމްބާޕޭ ކުޅެން ނެރެފައިވަނީ މެޗުގެ 60 ވަނަ މިނަޓްގައެވެ. އެއާގެ މެޗުގެ އޮއިވަރު މުޅިންހެން ބަދަލުވެގެންދިޔައެވެ.

ނަމަވެސް އެޓަލަންޓާއިންވަނީ މެޗުގެ ފަހު ވަގުތާއި ޖެހެންދެންވެސް ވަރުގަދަ ޕީއެސްޖީ ހުއްޓުވަން ވަރަށް މަސައްކަތްކޮށްފައެވެ. ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ ފަހު މިނަޓްގައި މާކުއިނޯސްގެ ފަރާތުން ފެނިގެންދިޔައިރު، ޕީއެސްޖީއިން ލީޑު ނެގީ އޭގެ ތިން މިނަޓްފަހުންނެވެ.

ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗޫޕޯމޮޓިން މެޗުގެ 93 ވަނަ މިނަޓްގައި ކާމިޔާބުކުރި މިލަނޑަކީ ނޭމާގެ ތުރޫ ޕާހަކުން އެމްބާޕޭ ހުރަސްކޮށްދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑާއެކު މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއާއެކު ޕީއެސްޖީ ސެމީ ފައިނަލަށް ދަތުރުކޮށްފައިމިވަނީ 25 އަހަރަށް ފަހުގައެވެ. ޗެމްޕިއަންސް ލީގު ކުއާޓާރގައި މިހާތަނަށް 11 ފަހަރެއްގެ މަތިން ޕީއެސްޖީ ކުޅެފައިވާއިރު، މޮޅުވެފައިވަނީ އެންމެ ތިން ފަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ