އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: މަޖިލިސް

65 ގޮނޑި ދިނީ އިދިކޮޅު ޕާޓީ ހެދިގެން ރައީސް ޞޯލިހަށް ޖެއްސުން ކުރާކަށް ނޫން: ރޮޒައިނާ

65 ގޮނޑި ދިނީ އިދިކޮޅު ޕާޓީ ހެދިގެން ރައީސް ޞޯލިހަށް ޖެއްސުން ކުރާކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި ވަނީ ސަރުކާރު ހަލާކުވާ ގޮތަށް އެމްޑީޕީގެ ދެތިން މެމްބަރަކު މަސައްކަތް ކުރާކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ މަހުލޫފް ވިދާޅުވި ހަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

ރޮޒައިނާ ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް ނިސްބަތްވާ ޕާޓީއަށް މަޖިލީހުން 65 ގޮނޑި ދިނީ، އުނދަގުލަކާ ނުލައި މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ.

"އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ޖެއްސުން ކުރާކަށް ނޫން. މިހާރު ދެން ބޮޑުވަރު" ރޮޒައިނާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ގަރާރެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިއްޔެވަނީ އަޑުތައް ފެތުރިފައެވެ. އެގޮތުން މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ގަރާރުގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަން ކަށަވަރު ވެފައިވާކަމަށް ބައެއް ނޫސް ތަކުގައި އިއްޔެ ވަނީ ރިޕޯޓު ކޮށްފައެވެ.

ރޮޒައިނާ ވަނީ ފައްޔާޒު އަށް އިތުބާރު ކުރައްވާކަމަށާއި ފައްޔާޒު އަކީ މިސަރުކާރުގެ އެންމެ ހީވާގި އެއް ވަޒީރު ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވަނީ ފައްޔާޒު އަށް އިތުބާރު އެބަ އޮތްކަމަށް ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއި ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އިއްޔެ މިނިސްޓަރު ފައްޔާޒު ވެސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ