މީސްތަކުންގެ ޙަޔާތުން ފަރުދީ ޒިންމާގެ އިޙްސާސް ފިލައިގެން ދިއުމަކީ އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތްކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ފަރުދީ ޒިންމާގެ މަތިން އިންސާނާ ހަނދާންނެތޭ ކޮންމެ ވަގުތަކީ، އޭނާ ދުނިޔެއަށް ވުޖޫދުވި މަޤުސަދު އޮޅި، ޙަޔާތުގެ މިސްރާބު ހަމަ މަގުން ނެއްޓިގެންދާ ވަގުތެއްކަމަށެވެ.
ހަމައެހެންމެ މުޖުތަމަޢުއެއްގައި ފަރުދީ ޒިންމާ ނެތިގެންގޮސްފިނަމަ، އެބައެއްގެ ތެރޭގައި އިތް އިންސާނީ ކަރާމާތް ގެއްލި، ދީނާއި ދުންޔަވީ އަސާސްތައް ފުނޑުފުނޑުވެ، އަޙްލާޤީ ސިފަތައް ނެތިވެ، މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލި، އިޤްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މަސްއޫލިއްޔަތާއި ޒިންމާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޒިންމާއަކީ، ފަރުދީ ޒިންމާ ކަމަށާއި އަދި އިންސާނާ ކުރާ ކޮންމެ ކަމަކީ، ބުނާ ކޮންމެ ބަހަކީ، ކުރާ ކޮންމެ ޙަރަކާތަކީ، އަޅާ ކޮންމެ ފިޔަވަޅަކީ، އެއާމެދު އޭނާ ޒިންމާ ވާންޖެހޭނެކަމެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވި މަލާއިކަތަކު ނެތި، އޭނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ".
މިއަދު މުޅި އިންސާނިއްޔަތަށް މެދުވެރިވެފައިވާ ކޮވިޑް-19 ގެ ޙާލަތުގައިވެސް ﷲ ގެ ވާގިފުޅާއެކު މި ބަލިމަޑުކަމުން އަރައިގަތުމަށް، ފަރުދީ ޒިންމާގެ ދައުރު ވަރަށް ބޮޑުކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އެގޮތުން ތިމާ އަދާކުރަންޖެހޭ ފަރުދީ ޒިންމާގައި ފަރުވާކުޑަކޮށްފިނަމަ، އެތައް ފުރާނައެއް ނެތި ދިއުމުގެ ޒިންމާ ތިމާ އުފުލަންޖެހިދާނެކަމުގެ އިޙްސާސްކުރެވޭނަމަ، ގައިދުރުކުރުމާއި ، މާސްކް އެޅުމާއި، އަތް ދޮވުމާއި، މި ނޫން ވެސް ކަމާބެހޭ ފަރާތްތަކުން އަންގާ އެނގުންތަކަށް އިޙްތިރާމްކޮށް ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރާނެކަމަށް ޙުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މިސްކިތަށް އައުމުގައި މުސައްލައެއް ގެންދިއުމާއި، ތިމާގެ މުސައްލަ އަނެކާގެ މުސައްލަ މަތީ ނޭޅުމާއި، އަމިއްލަ މުސައްލަ މަތީގައި ހުރެ ނަމާދު ކުރުމާއި، މާސްކު އެޅުން ފަދަ އިރުޝާދުތައް ސަރުކާރުން ދީފައިވަނީ ތިމާގެ ޒާތީ މިނިވަންކަން އަރައިގަންނަން ނޫންކަމާއި، އެއީ ދީނުގެ ވަރަށް މަތިވެރި މަޤުސަދުތަކެއް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށްޓަކައި ތިމާ އަދާކުރަން ޖެހޭ ފަރުދީ ޒިންމާއެކަން ޤަބޫލުކުރަންޖެހޭނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ތިބާއަށާއި ތިބާގެ އާއިލާއަށް ރައްކާތެރި، ބާއްޖަވެރި ހުކުރު ދުވަހަށް އެދެމެވެ.



