މުޖުތަމަޢުގެ ޒިންމާއަށް ފަރުވާކުޑަކޮށްފިނަމަ އެންމެންގެ ކަރުބުޑުގައި ހިތިރަހަ އިޙްސާސްކުރަންޖެހޭނެކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ، ފަރުދީ ޒިންމާއަށްފަހުގައި އެންމެ މުހިންމު ޒިންމާއަކީ މުޖުތަމަޢުގެ ޒިންމާ ކަމަށާއި، އެއީ މުޅި މުޖުތަމަޢުގެ އުފާފާގަތިކަމާއި، ސުލްޙަމަސްލަސްކަމާއި، އަމަންއަމާންކަމަށްޓަކައި އެންމެންވެގެން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއް ކަމަށެވެ.
"ފާޙިޝް ޢަމަލުތަކާއި، އޮޅުވާލުމާއި، ފަސާދައާއި، އަނިޔާވެރިކަމާއި، މިނޫންވެސް އިޖުތުމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި، އެނޫންވެސް ގޮތްގޮތުން ޙަޟާރަތު ފުނޑުފުނޑުކޮށްލާ އެންމެހާ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، އެންމެން އެއް އަޑަކުން އެއް ހިތަކުން އެއް ރޫޙެއްގައި އުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއް." މުޖުތަމައުގެ ޒިންމާގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ، މުޖުތަމަޢުގެ ޒިންމާތަކާމެދު ފަރުވާކުޑަކޮށްފިނަމަމ އޭގެ ހިތި ރަހަ އިޙްސާސްކުރަންޖެހޭނީ އެންމެން ކަމަށެވެ.
"ބިދޭސީންގެ މައްސަލައާއި، ގޮތްނޭނގޭ ޤަތުލުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، މަނީ ލޯންޑަރިންއާއި، ފަސާދައިގެ އެންމެހާ ޢަމަލުތައް ހުއްޓުވުމުގައި ކަމާބެހޭ މުއައްސަސާތަކާއި، މުޅި މުޖުތަމަޢު އެއްވާނެއްގައިު އެއް ޢަޒުމެއްގައި މަސައްކަތް ނުކޮށްފިނަމަ، އޭގެ ހިތިރަހަ އެންމެންގެ ކަރުބުޑުގައި ލާނެ." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
އެފަދަ ހާލަތެއްގައި އޭގެ އަގު ދައްކަންޖެހޭނީވެސް އެންމެން ކަމަށާއި، އެހެންކަމުން އިސްލާމްދީން ގޮވާލަނީ އެބަޔަކަށް ކެރިކުޅަދާނަކަން ލިބުނު މިންވަރަކުން މުންކަރާތްތައް ނަހީކުރުމަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުއްމަތްތަކުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތައްތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާވަމުއެވެ." މާތް ﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ، މުސްލިމު އަޙުންނާއި، ޤައުމުގެ މަސްއޫލުވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަކީ ވަރަށް މަތިވެރި ޒިންމާއެއް ކަމަށާއި، ރާއްޖޭގެ އިސްލާމީ ވަޙްދަތު ހިފަހައްޓައި، ދީން ޙިމާޔަތް ކުރުމާއި، އިޖުތިމާޢީ ފޭރާން ވިއެ، ޤައުމު އާރާސްތު ކުރުމާއި، ޤައުމުގެ މިނިވަންކަން ދެމެހެއްޓުމމަކީ އާދައިގެ ޒިންމާއެއް ނޫން ކަމަށާއި، އެއާމެދު ސުވާލު ކުރެވޭނެ ކަމަށެވެ.



