މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މާލޭގައި މިރޭ ފެށި ފަރިތަކުރުންތަކަކީ އިންޒާރަކާ ގުޅިގެން ހިންގަންފެށި ފަރިތަކުރުންތަކެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައިވަނީ، މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައެވެ.
ފުލުހުން ވިދާޅުވީ، މިހާރު ކުރިއަށްދާ ފަރިތަކުރުންތަކަކީ ވަކި ޚާއްޞަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫން ކަމަށެވެ.
"މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަންފެށި ފަރިތަކުުރުންތަކެއް ނޫން ކަމުގައި ދަންނަވަން. އަދި މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019-2024 އަށް އެކުލަވާލާފައިވާ ސްޓްރެޠީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ "އޮޕަރޭޝަނަލް ރެޑީނެސް" ގެ ދަށުން ކުރަން އިސްކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށްލަން." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، ލަންކާގައި ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން 2019 މެި 5 ވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފައިވާ ކަމަށާއި، ރޭ 22:00 ގައި ފަށާފައިވަނީ އެ ތަމްރީނުތަކުގެ ދެވަނަ ބައި ކަމަށެވެ.
"މި ފަރިތަކުރުންތަކުގެ މަޤްޞަދަކީ ކުއްލި ޚާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެގޮތާއި އަދި "މަލްޓި އޭޖެންސީ ކޯރޑިނޭޝަން" ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން." ފުލުހުން ވިދާޅުވިއެވެ.
ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރާނެކަމުގެ ޔަޤީންކަން ފުލުހުން ވަނީ މިރޭވެސް ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.




