އަމިއްލަ ގޭގެ ގަރާޖުތެރޭ ހައްޔަރުކޮށްގެން ގެންގުޅުނު ނައިޖީރިއާ މީހަކު އެގައުމުގެ ފުލުހުން ސަލާމަތް ކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ގަރާޖުތެރޭ ހައްޔަރުކޮށްގެން ގެންގުޅިފައިވަނީ އުމުރުން 30 އަހަރުގެ އަހުމަދު އަމިނު ނަމަކަށް ކިޔާ މީހެކެވެ. އަދި މިމީހާ ގަރާޖުތެރޭ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މިމީހާގެ ބައްޕައާއި ދޮންމަންމަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މިހާދިސާ ހިނގައިފައިވަނީ ނައިޖީރިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކާނޯ ގައި ކަމަށެވެ. އަދި އަހުމަދު އަމިނު ހައްޔަރުކޮށްގެން އޭނަގެ ބެލެނިވެރިން ގެންގުޅޭތާ ތިންއަހަރު ވެފައިވާ ކަމަށެވެ.
ފުލުހުން އަހުމަދު އަމިނު ސަލާމަތްކޮށްފައިވަނީ އަހުމަދު އަމިނުގެ އަވަށްޓެރިން އޭނާއާއި ގުޅޭ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުން ފުލުހުން އަހުމަދު އަމިނު ހައްޔަރުކޮށްފައިވާ ގެ ބަލައި ފާސްކޮށްގެންނެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އަހުމަދު އަމިނު ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ މައްސަލައިގައެވެ. ފުލުހުންނަށް އަހުމަދު އަމިނު ފެނުނުއިރު އޭނާގެ ހާލަތު ވަރަށް ދައްކަމަށް މައުލޫމާތު ލިބެއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެއްނަ ގޮތުގައި އަހުމަދު އަމިނު ހަށިގަނޑު ވަރަށް ބޮޑަށްވަނީ ނިކަމެތިވެފައެވެ. އަދި އަމިއްލަ ހާލަށް ހިނގާބިނގާވެ އުޅެންވެސް ނުކުޅެދެއެވެ.
ނައިޖީރިއާގެ އުތުރުގެ ސަރަހައްދުތައް ފާހަގަކޮށްލެވެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަ ސަރަހައްދެއްގެ ގޮތުގައެވެ. އަދި މި ވަބާއާއި ގުޅިގެން ބަޔެއް އާއިލާތަކުން އަންނަނީ އެ އާއިލާތަކުގައިވާ މިފަދަ މީހުންނަށް އަމިއްލަ ގޮތުން ފަރުވާދޭން ފަށާފައެވެ.



