ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލުގައި ބާސެލޯނާ ލަދުގަންނަވާލުމަށްފަހު، ބަޔާން މިއުނިކް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ކުޅުނު ކުއާޓާރ ފައިނަލް މެޗުގައި ބާސެލޯނާގެ މައްޗަށް ބަޔާންއިން ކުރި ހޯދާފައިވަނީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ބަޔާންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީވެސް އެކްލަބުންނެވެ. މެޗުގެ 4 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ މުލާއެވެ. އޭގެ ތިން މިނަޓްފަހުން އަލަބާގެ އަތުން ބަޔާން ބައިކޮޅަށް ވަތްލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަވިނަމަވެސް، ފުލުފުލުގައި ހަމަލާތައް އުފައްދަމުންދިޔަ ބަޔާންއިން ދެވަނަ ފަހަރަށް ލީޑުނެގީ ޕެރިޗިސްގެ ލަނޑަކުން މެޗުގެ 21 ވަނަ މިނަޓްގައެވެ. އަދި އޭގެ ހަމިނަޓްފަހުން ގްނަބްރީ ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދިންއިރު، 4 މިނަޓްފަހުން މުލާވަނީ އަނެއްކާވެސް ލަނޑެއްޖަހައި ނަތީޖާ 4-1 ކަށް ހަދާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ މިނަތީޖާގައެވެ.
ދެވަނަ ހާފު މުޅިން އާ ހިތްވަރަކާއެކު ކުޅެން ނުކުމެ ބާސެލޯނާއިން ލަނޑެއްޖަހައި ފަރަގު ކުޑަކުރިއެވެ. 57 ވަނަ މިިނަޓްގައި ސުއަރޭޒް ކާމިޔާބުކޮށްދިން މިލަނޑަށްފަހު ބާސެލޯނާއަށް ގޭމް ރަނގަޅަށް ނުޖެއްސި އުޅެނިކޮށް ބަޔާންއިން އިތުރު ލަނޑެންޖަހައި ބާސެލޯނާގެ ހިތްވަރު އެލުވާލިއެވެ. މިލަނޑަކީ ޑޭވިސް މޮޅު ކުޅުމާއެކު ހުރަސްކޮށްދިން މިބޯޅައަކުން ކިމިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބަޔާންގެ ފަހު ދެލަނޑު ޖަހާފައިވަނީ ލެވެންޑޯސްކީއާއި ކުޓީނިއޯއެވެ. ބާސާއިން ބަޔާންއަށް ލޯނުގެ އުސޫލުން ދޫކޮށްފައިވާ ކުޓީނިއޯ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ބަޔާންއަށް ދެލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ރޭގެ މެޗުގައި ލެވެންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑަކީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މިސީޒަންގައި އޭނާ ކުޅުނު ހުރިހާ ޗެމްޕިއަންސް ލީގު މެޗެއްގައިވެސްވަނީ ލަނޑު ޖަހާފައެވެ.
ސެމީގައި ބަޔާން ބައްދަލުކުރަން ޖެހޭނީ ކުއާޓާރ ފައިނަލްގައި ލިޔޯން އަދި މެންޗެސްޓާރ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.




