ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި ރޭ ކުޅުނު މެޗުން ބޮޑު ތަފާތަކުން ބަޔާން މިއުނިކް އަތުންދަށްވެ ބާސެލޯނާ ދަށްވެއްޖެއެވެ.
ބަޔާން އަތުން ބާސެލޯނާ ދަށްވެފައިވަނީ 8-2 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާކޮޅަށް އިދިކޮޅު ޓީމަކުން 8 ލަނޑު ޖަހާފައިވަނީ މީގެ 74 އަހަރު ކުރިންނެވެ. އެއީ 1946 ގައި ކޮޕަޑެލްރޭ ގަދަ 16 ގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގައި ސެވިއްޔާއިން ބާސެލޯނާ ދަށްކޮށްފައިވަނީ 8-0 ގެ ނަތީޖާއަކުންނެވެ.
އަދި މިއީ ޗެމްޕިއަންސްލީގު މެޗެއްގައި އިދިކޮޅު ޓީމުން ބާސެލޯނާ ކޮޅަށް މިހާގިނަ އަދަދަކަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މީގެކުރިން ޔޫރަޕު މެޗެއްގައި ބާސެލޯނާ ކޮޅަށް ފަސް ލަނޑު ބަލްގޭރިއާގެ ކްލަބެއްކަމަށްވާ ލެވްސްކީ ސޯފިއާވަނީ ޖަހާފައެވެ. 1976 ވަނަ އަހަރު ޔޫއެފާ ކަޕުގައި ކުޅުނު އެމެޗުން ބާސެލޯނާ ދަށްވީ 5-4 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ބަޔާންއިންވަނީ މޮޅު ކުޅުމެއް ދައްކައި ހުރިހާ ގޮތަކުންވެސް ބާސެލޯނާގެ މައްޗަށް ކުރި ހޯދާފައެވެ. ބަޔާންގެ ލަނޑުތައް ޖަހާދީފައިވަނީ މުލާ، ޕެރިސިޗް، ގްނާބްރީ، ކިމިޗް އަދި ލެވެންޑޯސްކީގެ އިތުރުން ކުޓީނިއޯއެވެ. ބާސެލޯނާއިން ކާމިޔާބުކުރި ދެލަނޑުގެ ތެރެއިން އެއްލަނޑު ސުއަރޭޒް ކާމިޔާބުކޮށްދީފައިވާއިރު އަނެއް ލަނޑަކީ ބަޔާންގެ ޑިފެންޑަރު އަލަބާއަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މިހާ ބޮޑު ތަފާތަކުން ރޭގެ މެޗުން ދަށްވުމާއެކު ބާސެލޯނާއަށް ގިނަ ފާޑުކިއުންތަކެއްވަނީ އަމާޒުވެފައެވެ. ރޭގައި ނުކުތް ނަތީޖާ އަށްފަހު ބާސެލޯނާގެ ކޯޗު ސްޓެއިން އެ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުންނާނެ ކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ.
މެޗަށްފަހު ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުވެސް ބުނެފައިވަނީ ކްލަބަށް ބަދަލުތަކެއް އަންނާނެކަމަށާއި، އެބަދަލުތައް ފަހުން އިޢުލާންކުރާނެކަމަށެވެ.



