ފަސް ހޮސްޕިޓަލަކުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.
މާލޭގައި ޕީސީއާރު ޓެސްޓް ހެދުމަށް ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އަދި ކުޅުފުއްފުށި ސިޓީގައި ހުންނަ ކުޅުދުއްފުށީ ރާޖަނަލް ހޮސްޕިޓަލުންނާއި އައްޑޫ ސިޓީން ވެސް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އައިޖީއެމްއެޗާއި ކުޅުދުއްފުށީ ރާޖަނަލް ހޮސްޕިޓަލުންނާއި އަދި އައްޑޫ ސިޓީން ޕީސީއާރު ޓެސްޓް ހެދޭނީ 1534 ރުފިޔާ އަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން 1500 ރުފިޔާ އަށް ޕީސީއާރް ޓެސްޓް ހެދޭއިރު ޓްރީޓޮޕް ހޮސްޕިޓަލުން ޓެސްޓް ހެދޭނީ 2000 ރުފިޔާ އަށެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ފަތުރުވެރިޔާ ފުރަން ހަމަޖެހިފައިވާ ވަގުތުގެ 48 ގަޑިއިރު ކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ހޮސްޕިޓަލުގެ ލެބަށް ފޮނުވަން ޖެހޭނެ ކަމަށާއި ޓެސްޓް ހެދުމަށްޓަކައި އެ ފަތުރުވެރިއެއްގެ ޓްރެވަލް ޑޮކިއުމަންޓުގެ ކޮޕީއަކާއި ލެބޯޓްރީން އެދޭ އެހެނިހެން ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.




