ރާއްޖޭގައި އިސްލާމް ދީން ފެތުރުނީ އިލްމީ ގޮތުން: ރައީސް ނަޝީދު

ދިވެހިރާއްޖޭގައި އިސްލާމް ދީން ފެތުރުނީ އިލްމީ ގޮތުން ކަމަށާއި ދީނީ މައުލޫމާތާއި ތަރުބިއްޔަތު ރާއްޖެއަށް ލިބުނީ އިސްލާމް ދީން އުނގަންނައި ދިނުމަށް އިލްމުވެރިން ކުރި ބުރަ މަސައްކަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޝައިހް ހުސެއިން ރަޝީދު ތަރުޖަމާ ކުރައްވާފައިވާ ސަހީހް މުސްލިމްގެ 11 ވަނަ ފޮތް ނެރެދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ޑރ.ހުސެއިންގެ އެ މަސައްކަތަކީ އެތައް ޒަމާނެއް ވަންދެން ދަމަހައްޓަމުން އައި ބެލެނިވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތަކީ އަގު ހުރި، ބޭނުން ހުރި މަސައްކަތެއް ކަމަށެވެ. މި ފަހަރުގެ ފޮތުގައި ވެރިކަމާއި ގުޅޭ މައުލޫމާތު ވެސް ހިމެނޭތީ މިއީ ޝައުގުވެރި ފޮތަކަށް ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ތާރީޚަށް ބަލާ އިރު، އިސްލާމް ދީން ރާއްޖޭގައި ފެތުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ދެކުނުގެ މީހުންކަން އެނގޭ ކަމަށާއި އޭގެ ތެރެއިން އައްޑޫގެ މީހުން ދީނީ އިލްމު ދިރާސާކޮށް އުނގަންނައިދިނުމަށް ގިނަ މަސައްކަތްތައް ކޮށްފައިވާކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އެ ފޮތާ ގުޅިގެން ހުސެއިން ރަޝީދު ވިދާޅުވީ ފޮތުގައި މައިގަނޑު ބަޔަކަށް ހިމެނިފައިވާނީ ވެރިކަމާ ގުޅޭ މައުލޫމާތުތައް ކަމަށްވީ ނަމަވެސް، ކެއިންބުއިމާ މެދުވެސް އެ ފޮތުގައި މައުލޫމާތުތައް ހިމަނާފައިވާނެ ކަމަށެވެ.

"ރަސޫލުﷲ ސައްލަﷲ އަލައިހިވަސަލައްމައިގެ ހަދީސްފުޅުތަކުގައި އެބަ އާދޭ ކަނާއަތުން ކާށޭ. ބިސްމިﷲ ކިޔާށޭ. ގެއަށް ވަންނަ އިިރު ސަލާމް ގޮވާށޭ. ދޮރުލައްޕާށޭ. ނިދާއިރު ބޮކި ނިއްވާށޭ. ބައްތި ނިއްވާށޭ. މިއިން ކޮންމެ އެއްޗަކީ އަސްލު ވަރަށް މާތް ބަސްފުޅެއް،" ޝޭހް ހުސެއިން ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަސޫލުﷲ އަލައިހި ވަސައްލަމަގެ ބަސްފުޅުތަކަކީ އިލްމުން ފުރިގެންވާ ބަސްތަކެއް ކަމަށާއި އެއީ އާދައިގެ މީހަކު ބުނާ ބުނުމަކާއި އެއް ހަމައެއްގައި ބެލޭނެ ބަސްތައް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ