އިތުބާރު ނުހިފޭ ވާހަކަތަކާއި، ދޮގު މަޢުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ރޭ މެންދަމު ނެރުއްވި ނޫސްބަޔާނެއްގައެވެ.
ފުލުހުން ވިދާޅުވީ، އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މަޢުލޫމާތާއި ކަށަވަރުނުވާ، ތެދުނޫން މަޢުލޫމާތު މީސްމީޑިއާގައި ނުފެތުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ ފަރިތަކުރުންތަކަކީ ވަކި ޚާއްޞަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫން ކަމަށެވެ.
ފުލުހުން ވިދާޅުވީ، ލަންކާގައި ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން 2019 މެި 5 ވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފައިވާ ކަމަށާއި، ރޭ 22:00 ގައި ފަށާފައިވަނީ އެ ތަމްރީނުތަކުގެ ދެވަނަ ބައި ކަމަށެވެ.
“މި ފަރިތަކުރުންތަކުގެ މަޤްޞަދަކީ ކުއްލި ޚާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެގޮތާއި އަދި “މަލްޓި އޭޖެންސީ ކޯރޑިނޭޝަން” ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.” ފުލުހުން ވިދާޅުވިއެވެ.
ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރާނެކަމުގެ ޔަޤީންކަން ފުލުހުން ތަކުރާރުކޮށް ދިވެހި ރައްޔިތުންނަށް އަރުވާފައިވާއިރު، ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭކަމަށް މީސްމީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.