ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއިން ސަރުކާރަށް ގޮވާލައިފިއެވެ.
އިދިކޮޅުން މިހެން ގޮވާލާފައިވަނީ، ރައީސް ޔާމީން އާއި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވުމަށް ގޮވާލާ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން ރައީސް ޔާމީން އާއި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވާ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރުމަށް ސަރުކާރަށް ގޮވާލާކަމަށް އިދިކޮޅުގެ މިބަޔާނުގައިވެއެވެ.
"ޕީ.ޕީ.އެމް.ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުނުވެ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު، އަދި އެކަން ހަމަނުޖެހި އުޅެނިކޮށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުމެއް މާދަމާ އަށް (16 އޯގަސްޓް 2020 ވާ އާދީއްތަ ދުވަހަށް) ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވުމަކީ މިކޯލިޝަންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ." ނޫސް ބަޔާނުގައި ވެއެވެ.
އަދި އިދިކޮޅުން ބުނީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުނުވެ ގިނަ ދުވަސް ވަމުން ދާތީއާއި އަދި އެކަން ހަމަޖައްސަވައިދެއްވުމަށް ހައިކޯޓުގެ ފަނޑިޔާރުން ޢަމުރުކުރެއްވި ފަހުންވެސް މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ކަރެކްޝަންސްގެ ފަރާތުން އެ އިންތިޒާމުތައް ހަމަޖައްސަވާދެއްވާފައި ނުވާތީ އެކަން ހަމަޖައްސަވައިދެއްވުން އެދި 13 އޯގަސްޓް 2020 ގައި ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އެކޯލިޝަންގެ ފަރާތުން ހޯމް މިނިސްޓަރ އަރިހުންވެސް އެދިފައިވާނެކަމަށާއި، އެހެންނަމަވެސް، އެކަން ހަމަޖައްސަވައިނުދެއްވާ، ކްރިމިނަލް ކޯޓުގައި މައްސަލައެއް ތާވަލް ކުރުމަކީ އެމަނިކުފާނަށް ޢަމާޒުކުރެވިގެން ހިންގާ ސިޔާސީ ޙަރަކާތެއްކަމަށާއި އަދި އެއީ ރައީސް ޔާމީނަށް އަނިޔާވެރިވުން ކަމުގައިވެސް ޤަބޫލުކުރާކަމަށެވެ.
އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ގުޅިގެން ކުރެވޭ ދައުވާތަކާއި، ހިންގޭ ޝަރީޢަތްތަކުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކޮށް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާއި އެކު ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާދެއްވާ އަނިޔާވެރިވުމަށް ފުރުޞަތު ދެއްވުމެއްނެތި، އިންސާފުވެރިކަމާއެކު ޤާނޫނީ އެންމެހާ ކަންކަން ކުރިއަށް ގެންދެވުމަށް ސަރުކާރަށް ގޮވާލާކަމަށް އިދިކޮޅުގެ މިބަޔާނުގައި ވެއެވެ.




