ޔޫސީއެލް - ލިޔޯން އަތުން ދަށްވެ ސިޓީގެ އުންމީދުތައް ފެނަށް

ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގެ ފަހު މެޗުގައި ފްރާންސްގެ ލިޔޯން އަތުން މެންޗެސްޓާރ ސިޓީ ދަށްވެއްޖެއެވެ.

ޕޯޗުގައިލްގައި ރޭ ކުޅުނު މިމެޗުގައި ސިޓީގެ މައްޗަށް ލިޔޯންއިން ކުރި ހޯދާފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑޫ ނެގީ ލިޔޯންއިންނެވެ. މެކްސްވެލް ކޯނެޓް މެޗުގެ 24 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ހިތްގައިމު މިލަނޑަކީ އޭރިއާގެ ބޭރުން ގޯލްގެ ތިރީކަނަށް އޮޅާލި ރީތި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފު ނިމުނީ ލިޔޯން ކުރީގައި އޮވެގެންނެވެ.

އެހެންކަމުން ދެވަނަ ހާފު ފެށިގެން ލިޔޯން ޑިފެންސަށް ބަރޯސާވެފައިވާއިރު، އޭގެ ފައިދާ ނަގައި ސިޓީއިން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. އަދި މެޗުގެ 69 ވަނަ މިނަޓްގައި ކެވިން ޑީބްރޫނޭ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ސްޓާލިންގެ ހުރަހަކުން ޑިބްރޫނޭ މިލަނޑު ކާމިޔާބުކުރީ ތިިރިތިރިން ގޯލްގެ ދުރުކަނަށް ފޮނުވާލި ބާރު ބޯޅައަކުންނެވެ.

ސިޓީގެ މިލަނޑާއެކު ލިޔޯންއަށް އަނެއްކާވެސް އެޓޭކިންގް ވަރުގަދަކުރިއެވެ. އެގޮތުން މެމްފިސް ޑިޕޭޣެ ބަދަލުގައި މޯސާ ޑެމްބެލޭ ކުޅެން ނުކުމެފައިވަނީ މެޗުގެ 75 ވަނަ މިނަޓްގައެވެ. ލިޔޯންގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ.

2-1 ގެ ނަތީޖާއަކުން ލިޔޯން ކުރީގައިވަނިކޮށް ނަތީޖާ ހަމަހަމަކުރަން ސިޓީގެ ސްޓާލިންއަށް ރަނުގެ ފުރުޞަތެއްވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ގޯލް ކުރިމަތިން ފޮނުވާލި އެހަމަލާ އަމާޒުނުވެ ދިޔައީ މަތިމަތިންނެވެ.

މިނަތީޖާއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ސިޓީއިން ކުރަމުން އަންނަ އުންމީދުތަށް ފެނަށް ގޮސްފައިވާއިރު، މިސީޒަން ސިޓީއަށް ނިންމާލަން ޖެހިފައިމިވަނީ އެންމެ ތައްޓަކާއެކުގައެވެ. އެއީ ފައިނަލްގައި އެސްޓަން ވިލާ ބަލިކޮށް ކާމިޔާބުކުރި ކަރަބާއޯ ކަޕެވެ.

ރޭގެ މެޗުން މޮޅުވެ ލިޔޯންއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ސެމީގައި ލިޔޯން ކުޅެންޖެހޭނީ ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އަދި 19 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ