ބާސެލޯނާގެ މުހިންމު ބައްދަލުވުމެއް މާދަމާއަށް ތާވަލްކޮށްފި

ބާސެލޯނާގެ މުހިންމު ބައްދަލުވުމެއް މާދަމާއަށް (17 އޮގަސްޓް 2020 ވާ ހޯމަ ދުވަހަށް) ތާވަލްކޮށްފިއެވެ.

ބެލެވޭ ގޮތުގައި ބާސެލޯނާއިން މިފަދަ މުހިންމު ބައްދަލުވުމެއް ތާވަލްކޮށްފައި މިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަޔާން މިއުނިކްއަތުން ދަށްވުމާއި ގުޅިގެން ކްލަބަށް ގެންނާނެ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

މިބައްދަލުވުމުގައި ކްލަބުގެ މިހާރުގެ ހާތަލަތާއި މެދު މަޝްވަރާކުރުމުގެ އިތުރުން މިހާރުގެ ކޯޗު ކީކޭ ސެޓިއެން މަޤާމުގައި ބެހެއްޓުމާއިމެދު ގޮތެއް ނިންމާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގެ ބަޔާން މިއުނިކް އަތުން ބާސެލޯނާ ބަލިވެފައިވަނީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެނަތީޖާއަށްފަހު ކްލަބަށް ބަދަލުތަކެއް އަންނާނެކަމަށް ރައީސް ޖޯސެފް ބާޓޮމެއުވަނީ ބުނެފައެވެ. އަދި ޑިފެންޑަރު ޖެރާޑު ޕީކޭވެސްވަނީ ބާސެލޯނާއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށްވަނީ އެއްބަސްވެފައެވެ.

ބޮޑު ތަފާތަކުން ދަށްވެ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓުމާއި ގުޅިގެން ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، ބާސެލޯނާކޮޅަށް އިދިކޮޅު ޓީމަކުން 8 ލަނޑު ޖަހާފައިވަނީ މީގެ 74 އަހަރު ކުރިންނެވެ. އެއީ 1946 ގައި ކޮޕަޑެލްރޭ ގަދަ 16 ގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގައި ސެވިއްޔާއިން ބާސެލޯނާ ދަށްކޮށްފައިވަނީ 8-0 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާއިން ޗެމްޕިއަންސް ލީގު އެންމެ ފަހުން އުފުލާލާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލާއި ހަމައަށް ބާސެލޯނާ ދަތުރުކޮށްފައެއް ނުވެއެވެ. ކުޅުނު ފަސް ސީޒަންގެ ތެރެއިން ހަތަރު ސީޒަންގައި ކުއާޓާރ ފައިނަލުން ބާސެލޯނާ ކަޓާފައިވާއިރު، އެއް ސީޒަންއެއްގައިވަނީ ސެމީއާއި ހަމައަށް ދަތުރުކޮށްފައެވެ. އެއީ 2018-19 ސީޒަންގައެވެ. އެފަހަރު ސެމީ ފައިނަލުން ބާސެލޯނާ ކަޓައިގެންދިޔައީ އެސީޒަންގެ ތަށި އުފުލާލި ލިވަޕޫލް އަތުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ