ރައީސް ޔާމީން ވަނީ ރައްޔިތަކަށް ލިބެންވާ އެންމެ އަސާސީ ހައްގު ތަކުން މަހުރޫމުވެފައި: ސައީދު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ރައްޔިތަކަށް ލިބެންވާ އެންމެ އަސާސީ ހައްގު ތަކުން މަހުރޫމު ވެފައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެ ޝަރީއަތް، އެމަނިކުފާނުގެ ޤާނޫނީ ވަކީކުންނާއި ބައްދަލުވާނޭ މަގު ބަނދުކުރުމަށް ފަހު، ރައްޔިތަކަށް ލިބެންވާ އެންމެ އަސާސީ ހައްގު ތަކުން ވެސް މަހުރޫމު ކުރެވިފައިވާ ކަމަށެވެ.

އަދި އެންމެ އަސާސީ ހައްގު ތަކުން މަހުރޫމް ކުރުމަށްފަހު އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމުގައި ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީން އަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުޞަތު ނުދެއްވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށާއި ކޯޓުގެ އެންގުން ތަންފީޒުކޮށް ލަސް ނުކުރައްވައި އެމަނިކުފާނަށް ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވެސް މީގެ ކުރިން ވަނީ ގޮވާލައްވައިފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ