ރައީސް ޔާމީން ފަތަން ޓްރެކަކަށް އަދި އެހެން ކަމަކަށްވެސް އެދިނުލައްވާ ކަމަށ،ް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
"ޔާމީނަށް ފެތުމުގެ ފުރުސަތު ދިނުމަށް ޓްރެކެއް ހަދަނީ" ނަމުގައި އައްޑޫ ލައިވް އިން ލިޔެފައިވާ ލިލުމާއި އެކު ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އެތައް ދައުވާ ތަކެއް އުފުލަމުން ދާއިރު ވަކީލިންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދީ އަބުރު ކަތިލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ކުރައްވަނީ ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށެވެ.
އަދި ރައީސް ޔާމީން ފަތަން ޓްރެކެއް އަދި އެހެން އެއްވެސް ކަމަކަށް ވެސް އެދިނުލައްވާ ކަމަށާއި އެންމެނަށް ވެސް ލިބޭ ހައްގުތައް ރައީސް ޔާމީނަށް ލިބެން ޖެހޭ ކަމަށް މުހައްމަދު ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ ރޭ ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ރައީސް ޔާމީނަށް ފެތޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އިމްރާނާއި ބައްދަލުކޮސް އިދިކޮޅު ފަރާތްތަކުން އެދިފައިވާތީވެ ރައީސް ޔާމީން މޫދަށް އެރުމަށް ޓްރެކެއް ހަދާފައި މޫދަށް އެރޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
އިމްރާން އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީނަށް ރާއްޖެ ޓީވީ ބެލޭނެ ގޮތް ހަމަޖެއްސެވުމަށް އިދިކޮޅު ފަރާތްތަކުން އެދިފައިވާ ކަމަށާއި ވަރަށް ފަހުން ޖަލުގެ ކަރަންޓާއި ފްރީކުއެންސީއަށް ދިމާވި މައްސަލައަކާއި ގުޅިގެން ޓީވީ ޗެނެލް ބެލުމުގެ ހިިދުމަތް މެދުކެނޑުމެއް އައިކަމަށާއި ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް، ދައުލަތުގެ މީޑިއާ އާި ޕީއެސްއެމްގެ ޗެނެލްތައް ބެލޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އިތުރު ޗެނެލްތަށް ފެންނާނެ ގޮތް ހަދައިދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ރައީސް ޔާމީން ގެ ޝަރީއަތް، އެމަނިކުފާނުގެ ޤާނޫނީ ވަކީކުންނާއި ބައްދަލުވާނޭ މަގު ބަނދުކުރުމަށް ފަހު، ރައްޔިތަކަށް ލިބެންވާ އެންމެ އަސާސީ ހައްގު ތަކުން ވެސް މަހުރޫމު ކުރެވިފައިވާ ކަމަށާއި އަދި އެންމެ އަސާސީ ހައްގު ތަކުން މަހުރޫމް ކުރުމަށްފަހު އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން އަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުޞަތު ނުދެއްވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށާއި ކޯޓުގެ އެންގުން ތަންފީޒުކޮށް ލަސް ނުކުރައްވައި އެމަނިކުފާނަށް ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވެސް މީގެ ކުރިން ވަނީ ގޮވާލައްވައިފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ.




