އުތުރުގެ ތިން ރަށެއްގައި ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ކޮމަންޑުއާއި ފޯކައިދޫ ގެ އިތުރުން ނ. މަނަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ކޮމަންޑޫ ޕޮލިސް ސްޓޭޝަން، ފޯކައިދޫ ޕޮލިސް ސްޓޭޝަން އަދި މަނަދޫ ޕޮލިސް ސްޓޭޝަނުން މި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ކޮމަންޑޫން ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ކޮމަންޑޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެންކަމަށާއި މިމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފޭދޫ ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފޯކައިދުއާއި މަނަދޫގައި ހިންގި އޮޕަރޭޝަންގައި އެ ދެރަށުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެގޮތުން ފޯކައިދޫ ބަނދަރު ސަރަހައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާއިރު، މަނަދޫގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ މާލެއިން އެރަށަށް އައި ބޯޓަކުން ބޭލި ފޮށިގަނޑެއް ބަލައިފާސްކޮށް ކަމަށް ވިދާޅުވިއެވެ. އަދި އެފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ފޯކައިދޫ އަދި މަނަދޫގައި ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މަސްތުވާތަކެތީގެ މި މައްސަލަތައް ކޮމަންޑޫ، ފޯކައިދޫ އަދި މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ވިދާޅުވިއެވެ.
އުތުރުގެ ތިން ރަށެއްގައި ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި




