ހާރުކާން ހޭނުލެވިދާނެތީ މީރާ އޮތީ ފިލްމެއް ބަލާށެވެ. އެހެންއޮވެފައި އެއްގަޑި ބައިވާން އުޅެނިކޮށް ފެން ބޮވައިގަނެގެން ބަދިގެ ބަޔަށް ދިއުމަށްޓަކައި އޭނާ ކޮޓަރިން ނުކުތެވެ. އޭރު ގޭތެރޭގައި ހުރީ ފަނޑު އަލިކަމެކެވެ. ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. ފެންބޮއިގެން ބަދިގެ ބައިން ނުކުމެފައި ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އެއްޗެއް ހީވެގެން މީރާ ކުއްލިއަކަށް މަތި ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ބިރުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.
މަތީބައިގެ ޗެންޗޭނު ކައިރީގައި ހުއްޓިލައިގެން ހުރީ ކަޅު ހިޔަންޏެކެވެ. ހީވާގޮތުން އޭތި ބަލަމުން ދިޔައީ މީރާއާ ދިމާއަށެވެ. އާންމުކޮށް ކަންކަމާ ބިރު ނުގަތްނަމަވެސް މިފަހަރު މީރާގެ ހިތް ބާރު ބާރަށް ތެޅެންފެށިއެވެ. އެތާ ހުންނާކަށްވެސް ނުކެރުނެވެ. އެހެންކަމުން ހިތަށް އައި ހެޔޮ އެއްޗެއް ކިޔަމުން އަވަހަށް ދުވެފައި ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެނދުމަތީގައި އިށީނދެ އެކަމާމެދު ވިސްނަން އިން އިރުވެސް އޭނާގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. އެއީ އަނެއްކާ އޭނާއަށް ހީވި ހީވުމެއްބާއެވެ؟ އަނދިރިކަމުން ފެނުނު ގޮތްކަމަށްވެދާނެއެވެ. ނޫނެކެވެ! އެތާ ހަމަ އަސްލުވެސް ހިޔަންޏެއް ހުއްޓެވެ. އެއީ ހީއެއް ނޫނެވެ. އޭގެ އިސްތަށިގަނޑު ދިގެވެ. އެ އިސްތަށިގަނޑު އޮތީ ހާވާލާފައެވެ. ހުރީ ބޮޑު އަނދިރިގަނޑެއްގެ ސިފައިގައެވެ. ތިރީގައި ދިއްލާފައި ހުރި ބޮކީގެ އަލި ފަނޑުކަމުން އެ ހިސާބަށް ރަނގަޅަށް އަލި ނުފޯރާތީ ސާފުކޮށް ފެންނަގޮތް ނުވީއެވެ.
ހާރު ކާ ގަޑި ޖެހިގެން ޒާރާ އައިސް މީރާގެ ކޮޓަރި ދޮރުގައި ތެޅި އިރުވެސް އޭނާ އޮތީ ހޭލައެވެ. ކާން ނުކުމެފައިވެސް އެންމެ ފުރަތަމަ އޭނާއަށް ބަލާލެވުނީ މައްޗަށެވެ. ނަމަވެސް އޭރު އެ ހިޔަންޏެއް ނެތެވެ. މަޑުމަޑުން އިނދެ ކައި ނިންމާލުމަށްފަހު އޭނާ އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އިރުކޮޅަކުން ބަންގި ގޮވުމާއެކު ނަމާދުކޮށްލައިގެން އެނދަށް އެރި އިރު ހިތަށް ވަނީ ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބިފައެވެ.
ޖެހިގެން އައި ދުވަހުވެސް ހަވީރު މީރާ، ޒާރާ އަދި އަނަސް ހިނގާލަން ނުކުތެވެ. އޭރު ރަށު ތެރޭގައި ޢީދަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމަށްޓަކައި މީހުންތައް ހޭބޯނާރާ އުޅެއެވެ. އެއްބަޔަކު ބޮޑު މަސް ތައްޔާރުކުރަނީއެވެ. އަނެއް ބަޔަކު އުޅުނީ ކޯޑި ތައްޔާރުކުރުމުގައެވެ. ސްޓޭޖް ޝޯއަށްޓަކައި ސްޓޭޖް ތައްޔާރުކުރުމުގައިވެސް ގްރޫޕެއް އުޅެއެވެ.
"މީރާ މިއަދު ކީއްވެފަތަ ތިހުންނަނީ؟ އެހެންނޫނީ ހުއްޓާ ނުލާ އަނގަ ތަޅާ މީހާ މިއަދު ނެގި މަޑުވެފަ ތިހުންނަނީ ކީއްވެ؟" މީރާ މާ މަޑުން ހުންނާތީ އެކަން ފާހަގަވެގެން ޒާރާ އެންމެ ފަހުން ސުވާލުކުރިއެވެ. ދައްތައަކީ ކަންކަމާ ކިހާ ބިރުގަންނަ މީހެއްކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ މީރާއެވެ. އެހެންކަމުން އޭނާއަށް ފެނުނު ހިޔަނީގެ ވާހަކަ ދައްތަ ކައިރީގައި ބުނުން އެއީ ރަނގަޅު ކަމެއް ނޫން ކަމުގައި ނިންމިއެވެ.
"އެއްވެސް ކަމެއް ނުވޭ. ރޭގަ މާ މަދުން ކެވުނީމަ ވަރަށް ވަރުބަލި." ތެދު ހާމަކުރަން ބޭނުން ނުވާތީ މީރާ ވާހަކައެއް ހަދާލިއެވެ.
ރޯދަ ވީއްލި ގަޑީގައި ގުޅުމުންވެސް އުނައިސް ފޯނެއް ނުނެގިއެވެ. ރޭ ދަންވަރު އެމީހުން ހާރު ކާން ނުކުމެފައި ބަލާލިއިރު ތެލިން ކާ އެއްޗެހި ނަގާފައި ހުއްޓެވެ. އެހެންކަމުން އެމީހުން ކޮޓަރިއަށް ވަތް ފަހުން އުނައިސް އައިސް ކައިފައި ހުރިކަން އެނގުނެވެ.
"އަހަރެން ދަންތަ ކޮޓަރި ދޮރުގައި ޓަކި ޖަހާލަން؟ އޭރުން ފަހަރެއްގާ އައިސްދާނެ ކަންނޭނގެ." އަނަސް ނުދާނެކަން އެނގޭތީ މީރާ އިސްނެގިއެވެ.
މައްޗަށް އަރަން ބޭނުންވެފައި ހުރީތީ އަނަސްއާއި ޒާރާގެ ޖަވާބަކަށް މަޑުކުރުމެއް ނެތި މީރާ އަވަސް އަވަހަށް ކާ ކޮޓަރިން ނުކުތެވެ. ސިޑި ކައިރިއަށް ގޮސްފައި އޭނާ މައްޗަށް ބަލާލިއެވެ. އަދި ހަމަޖެހިލުމަށްޓަކައި ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
އުނައިސްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމަށްޓަކައި މީރާ އަތް ނެގި ވަގުތު ކުއްލިއަކަށް ޖެހިގެން ހުރި ކޮޓަރި ތެރެއިން އެއްޗެއް ވެއްޓި ތަޅައިގެން ދިޔަފަދަ އަޑެއް އިވުނެވެ. އެވަގުތު ކުއްލިއަކަށް މީރާގެ ޚިޔާލު ބަދަލުވިއެވެ. އަދި އުނައިސްގެ ކޮޓަރީގެ ބަދަލުގައި ޖެހިގެން ހުރި ސްޓޯރ ރޫމް ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ދެތިން ފަހަރު ޓަކި ޖެހުމުންވެސް އެތެރެއިން އެއްވެސް އަޑެއް ނުއިވުނެވެ. ނަމަވެސް އުނައިސްގެ ޚަބަރެއް ނުވަނީސް އެތަނުން ދާކަށް މީރާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އަނެއްކާ ތަންކޮޅެއް ބާރަށް ދޮރުގައި ތަޅަންފެށިއެވެ. އެގޮތަށް ދެފަހަރު ޖަހާލުމުން ކުއްލިއަކަށް އުނައިސްގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އޭނާ ބޯ ދިއްކޮށްލިއެވެ.
"ކީއްކުރަން ތި ދޮރުގަ ތަޅަނީ؟" ދެބުމަ ގޮށްޖަހާލާފައި ރުންކުރު ފާޑަކަށް އުނައިސް ބުންޏެވެ. އޭރު އޭނާ ހުރީ ތިރިން ސޯޓެއް އެކަނި ލައިގެންނެވެ. މަތީގައި އެއްވެސް ފޭރާމެއް ނެތެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ތަރުތީބެއް ނެތި ހޭވިފައެވެ. ނިތްކުރިމަތިންނާއި ގައިން ދަލުގެ އަސަރު ފާޅުވާން ހުއްޓެވެ. ހީވަނީ ވަރަށް ބުރަ މަސައްކަތެއްގައި އުޅެފައި އައިސްހުރިހެންނެވެ.
"މީ.... ދޮންތަބެ ބުނެގެން ސައިބޯން އަންނާށޭ ބުނަންވެގެން." ކިތަންމެ ހިތްވަރު ކުރި ނަމަވެސް އުނައިސްގެ ނުރުހުންވެފައިވާ މޫނު ފެނުމުން މީރާ ފިނިވާގޮތް ވިއެވެ. އެހެންކަމުން އޭނާގެ އަޑު ނުކުތީ އާދައިގެ ވަރަށްވުރެ މަޑުންނެވެ.
"އަހަރެން ނުބުނަންތަ އެއްވެސް މީހަކު މައްޗަށް އަރައިގެން ނުވާނެއޭ؟" ކުރީ ފަހަރަށްވުރެ ބާރަށް އުނައިސް ބުންޏެވެ.
"މިތަނުން އަޑެއް އިވުނީމަ އަހަރެން ހީކުރީ މިއީކަމަށް އުނައިސްގެ ކޮޓަރި. މީ ސްޓޯރ ރޫމްތަ؟" އުނައިސް ދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ބަދަލުގައި މީރާ ބުންޏެވެ. އޭނާ ބޭނުންވީ އެތެރެއިން އިވުނު އަޑު އޭނާއަށްވެސް އިވުނުކަން އުނައިސްއަށް އަންގާށެވެ. މީރާ އެހެން ބުނުމުން އެއްޗެއް ނުބުނެ ކުޑަ އިރުކޮޅަކު އުނައިސް ހުއްޓެވެ.
"ކޮންމެ ތަނަކުން އަޑެއް އިވުނަސް އެކަމާ ކަލޭމެން ބެހޭނެކަމެއް ނެތް. ތި ފޮނުވި މީހަކު ކައިރީ ބުނޭ އަހަރެން ބަނޑުހައިވީމަ އަމިއްލައަށް ގޮސް ކާނަމޭ. ކޮންމެހެން މީހުން ފޮނުވަން ހަދާނެކަމެއް ނެތޭ." ކުރިންވެސް ވާހަކަ ދެއްކި ރާގުގައި އުނައިސް ބުންޏެވެ. ނަމަވެސް މިފަހަރު ކުރިއަށްވުރެ އަޑު މަޑެވެ.
އުނައިސްގެ ޖަވާބު ލިބުމުން މީރާ އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު އުނައިސް އަވަސް އަވަހަށް ކޮޓަރި ތެރެއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ. ނަމަވެސް ކޮޓަރި ފަހަނައަޅާ ތަންކޮޅަކަށް ނުދެވެނީސް އަނެއްކާ އެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެހެންކަމުން މީރާ ހުއްޓިފައި ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު އުނައިސް ހުރީ މީރާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ކުއްލިއަކަށް އެހާ ކައިރިން އުނައިސް ފެނުމުން މީރާއަށް ތެޅިގަނެފައި ދެ ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.
"މީގެ ފަހުން މިތާ މައްޗަށް ނާރާތި!" އިންޒާރެއް ދޭފަދައިން ޝަހާދަތް އިނގިލި ދިއްކޮށްލާފައި އަމުރުވެރި ރާގަކަށް އުނައިސް ބުންޏެވެ. އެހެން ބުނިއިރު އުނައިސްގެ މޫނުމަތިން ފާޅުވާން ހުރި އަސަރުތަކުން ހަމަ ރަނގަޅަށްވެސް މީރާ ޖެހިލުންވާގޮތް ވިއެވެ. ރައްދު ދޭން ބޭނުންވި ނަމަވެސް އެވަގުތު އޭނާގެ ދުލަށް އެއްވެސް ބާރެއް ނުލިބުނެވެ. އުނައިސްގެ ދެލޮލަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. އެވަގުތު އަނެއްކާ ސްޓޯރ ރޫމް ތެރެއިން އެއްޗެހިތަކެއް ފައިބައިގަތް އަޑު އިވުނެވެ. އަޑު އިވުމާއެކު މީރާގެ ނަޒަރު އުނައިސްގެ ލޮލުން ވަކިވެ އެ ކޮޓަރިއާ ދިމާއަށް ދަތުރުކޮށްލިއެވެ.
"ހަމަ މިހާރު މިތަނުން ދޭ!" އެންމެ ފަހުގެ އިންޒާރު ދޭފަދައިން އުނައިސް މީރާއާ ދިމާއަށް ހަޅޭލަވައިގަތެވެ. ބިރުންގޮސް ސިހުނުވަރުން މީރާއަށް އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނާކަށް ނުކެރުނެވެ. އެހެންކަމުން ދުވަމުން ދުވަމުން ސިޑިން ފައިބަންފެށިއެވެ. ތިރިއަށް ފޭބިއިރު ސިޑީގެ އެންމެ ތިރީ ހަރުފަތް ކައިރީގައި އަނަސް ހުއްޓެވެ. އަނަސްގެ އަތުގައި ހިފަހައްޓައިގެން ޒާރާ ހުއްޓެވެ.
"އަނަސް އިހަށް މަޑުކޮށްބަލަ! އޭނަ އެހުރީ ވަރަށް ރުޅި ގަދަވެފަ. އަނަސްވެސް ތިހުރީ ރުޅި އައިސްފަ. ދެމީހުން ރުޅި އިސްކޮށްގެން ވާހަކަދެއްކީމަ މައްސަލަ ހައްތަހާ ވާނީ ގޯސް. ތި ރުޅިގަނޑު މައިތިރިވީމަ ވާހަކަ ދައްކަން މަޑުކުރަންވީނު." އާދޭހާއެކު ޒާރާ ބުންޏެވެ.
"ޖެހުނު މައްސަލައެއް ޖެހުނީ އަހަންނާއެއްނު. ކީއްކުރަންތަ އެ ރުޅި އެހެން މީހުންނަށް އެ ބާލަނީ؟ ނުޖެހޭނެ އެވައްތަރަށް ހަޅޭލަވާކަށް." އަނަސް ވާހަކަދެއްކިއިރު މުޅި މީހާ ތުރުތުރުއަޅައެވެ. އެ މަންޒަރު ފެނިފައި މީރާ ޖެހިލުންވާގޮތްވިއެވެ. އެހެންކަމުން އެ މައްސަލަ ޙައްލުކުރަން ޒާރާއަށް ދޫކޮށްލާފައި މީރާ މަޑުމަޑުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަދެ ހަމަޖެހިލާފައި މި ވަމުންދާ ކަންތައްތަކާމެދު މީރާ ވިސްނަންފެށިއެވެ. އުނައިސްގެ ކޮޓަރި ތެރެއިން ސްޓޯރ ރޫމަށް ދެވޭގޮތަށް ދޮރެއް އެ ހުރީ ކީއްވެބާއެވެ؟ ދެންމެ އެ ކޮޓަރިން ފުރަތަމަ އިވުނު އަޑު އެއީ އުނައިސް މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި އިވުނު އަޑަކަށް ވެދާނެއެވެ. އެކަމަކު އޭނާ ބޭރުގައި ހުންނަތާ އިރުކޮޅެއް ފަހުން އިވުނު އަޑު އެއީ ކިހިނެއް ވީ ކަމެއްބާއެވެ؟ އަދި ރޭގައި އެ ފެނުނު ހިޔަނީގެ ޙަޤީގަތެއްވެސް ނޭނގެއެވެ. މިގޭގައި އަނެއްކާ ޖިންނީގެ ކަމެއް އުޅެނީބާއެވެ؟ އިންސާނުންނާ ޖިންނި އަވަލާ ވާހަކައަކީ ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ. އަނެއްކާ އުނައިސްއާ ޖިންނިއެއް އަވަލީބާއެވެ؟ އޭނާ އެހާ ރުޅިގަދައީވެސް އެހެންވެ ކަންނޭނގެއެވެ. އެހެންވެއްޖެނަމަ އޭނާ އެކަމުން ސަލާމަތްކުރުން މުހިންމެވެ. އެކަމަކު އެވާހަކަތައް އެހެން މީހުން ޤަބޫލުކުރާނެބާއެވެ؟ ކޮންމެ ގޮތެއްވިޔަސް އެކަންތައްތަކުގެ ޙަޤީޤަތް ކޮންމެވެސް ގޮތަކުން ހޯދަން އެބަޖެހެއެވެ. ހެއްކާއެކު ދެއްކުމުން އެހެން މީހުންވެސް ޤަބޫލުކުރާނެކަން ގައިމެވެ.
(ނުނިމޭ)



