ނަވާސްއަށް ޗެމްޕިއަންސް ލީގު ސެމީ ގެއްލިއްޖެ!

އަނިޔާގެ ސަބަބުން ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސްއަށް މިސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ގެއްލިއްޖެކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ކީޕަރު ނަވާސްއަށް އަނިޔާވެފައިވަނީ އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު ކުއާޓާރ ފައިނަލް މެޗުގައެވެ. އަދި އެމެޗުގެ 79 ވަނަ މިނަޓްގައި ނަވާސްވަނީ ބަދަލުކޮށްފައެވެ.

އުމުރުން 33 އަހަރުގެ ނަވާސްގެ އަނިޔާވެފައިވަނީ ކަނާތު ފައިގެ ފަލަމަސްގަނޑަށެވެ. އަދި ސެމީއާއި ދޭތެރޭ ކުޑަ ދުވަސްކޮޅެއް އޮތްއިރު، ސެމީގެ ކުރިން އޭނާ ރަނގަޅުވާނެކަމަކަށް ނުބެލެވެއެވެ. އިއްޔެ ޕީއެސްޖީއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައިވެސް ނަވާސް ބައިވެރިވެފައެއް ނުވެއެވެ.

ނަވާސްއަށް އަނިޔާވެފައިވާކަން ޕީއެސްޖީއިން ހާމަކުރިނަމަވެސް ރަނގަޅުވާން ކިހާ މުއްދަތެއް ނަގާނެކަމަށް ހާމަކޮށްފައެއް ނުވެއެވެ.

ސްޕެއިންގެ ރެއަލްމެޑްރިޑް ދޫކޮށް ޕީއެސްޖީއާއި ނަވާސް ގުޅުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ޕީއެސްޖީއާއެކު ނަވާސް ހަދާފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

ޗެމްޕިއަންސް ލީގު ސެމީގައި ޕީއެސްޖީ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް މިހާރުވަނީ 48 ގަޑިއިރަށްވުރެ ކުޑަތަންވެފައެވެ. އެހެންކަމުން އެމެޗަށް ނަވާސް ފިޓްވާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ޖަރުމަނުގެ ލެއިޕްޒެގާއި ދެކޮޅަށް ޕީއެސްޖީ ނުކުންނާނީ މާދަމާ ރޭ 12:00 ގައެވެ. މިމުބާރާތުގެ ސެމީއަށް ޕީއެސްޖީ ދަތުރުކޮށްފައި މިވަނީ 25 އަހަރަށް ފަހުގައެވެ. ޕީއެސްޖީ މިމުބާރާތުގެ ސެމީގައި އެންމެފަހުން ކުޅެފައިވަނީ 1995 ވަނަ އަހަރުއެވެ. އިޓަލީގެ އޭސީ މިލާންއާއި ދެކޮޅަށް ކުޅުނު އެ ސެމީ ފައިނަލުން ޕީއެސްޖީ ދަށްވީ އެގްރިގޭޓް 3-0 ގެ ނަތީޖާއަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ