މަސްތުވާތަކެއްޗާއެކު މީހަކު ގދ. ތިނަދޫން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެއްކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ފެނިފައިވަނީ އެމީހާއަށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން ވައަތު މުށުތެރެއިން އެއްޗެއް ވައްޓާލިތަން ފުލުހުން ފެނުމުން، ވައްޓާލި ތަކެތި ނަގައި ބަލައިފާސްކުރިއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ކުޑަކަމުުދާތަކެތި ނަގައި ޓެސްޓް ކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.