ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގެންފި އެވެ.
އެކަން އަންގަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމީން މިއަދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ އޮޑިޓް ރިޕޯޓާ ގުޅޭ ތަޙުޤީޤު ނިމެންދެން މިނިސްޓްރީގެ މަސައްކަތުން އެކަހެރިވާން ގަސްތުކުރައްވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް އަންގައިފައެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެކަމާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ އަމީން މަގާމުން ވަކިކުރުމަށްވެސް ގޮވާލާފައެވެ.
ކޮވިޑާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަން އިއްޔެ ނެރުނު އޮޑިޓް ރިޕޯރޓުންވަނީ ފާހަގަކޮށްފައެވެ.
އަދި ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަންވެސް އޮޑިޓް ރިޕޯޓުންވަނީ ހާމަވެފައެވެ.