ބާސެލޯނާގެ ކޯޗު މަޤާމުން ވަކިކޮށްފި

ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން މަޤާމުން ވަކިކޮށްފިއެވެ.

ކީކޭ މަޤާމުން ވަކިކޮށްފައި މިވަނީ ޗެމްޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަޔާން އަތުން ބާސެލޯނާ ބަލިވެ، ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައ ބަޔާން އަތުން ބާސެލޯނާ ދަށްވެފައިވަނީ 8-2 ގެ ބޮޑު ތަފާތަކުންނެވެ. ސެޓިއެން މަޤާމުން ވަކިކޮށްފައި މިވަނީ އޭގެ ތިން ދުވަސް ފަހުންނެވެ.

މިސީޒަން ބާސެލޯނާއިން ނިންމާލާފައިވަނީ ހުސް އަތާއެވެ. ސެޕްނިޝް ލަލީގާ ވާދަވެރި ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ ބާސެލޯނާއަށް ވުރެ ފަސް ޕޮއިންޓް ކުރީގައި އޮވެއެވެ. އަދި މިސީޒަންގެ ކޮޕަޑެލްރޭ ކުއާޓާރ ފައިނަލާއި ހިސާބުން ބާސެލޯނާ ކަޓައިގެން ދިޔައީ އެތުލެޓިކް ކަލްބު އަތުން ބަލިވެގެންނެވެ.

އުމުރުން 61 އަހަރުގެ ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އަދި އެއަށްފަހު އޭނާވަނީ ބާސެލޯނާއަށް 25 މެޗުގައި އިރުޝާދު ދީފައެވެ.

ކީކޭގެ ކޯޗިން ކެރިއަރ ފަށާފައިވަނީ 2001 ވަނަ އަހަރު ރޭސިން ސަންޓަންޑާއިންނެވެ. އެއަށްފަހު ލަލީގާ2 ގެ ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދިން ކީކޭވަނީ ރެއަލްބެޓިސްއާއި ގުޅުމަށްފަހު ލަލީގާގެ ތަޖުރިބާވެސް ކޮށްފައެވެ. 2017 ޖުލައިގައި ރެއަލް ބެޓިސްއާއި ގުޅުނު ކީކޭވަނީ 2019 ޖޫންއާއި ހަމައަށް އެކްލަބަށް އިރުޝާދު ދީފައެވެ.

ބާސެލޯނާއިން ކީކޭ އިއްޔެ ވަކިކޮށްފައިވާއިރު، މިއީ ކްލަބަގެ ފުރަތަމަ ޓީމަށް ގެންނަން އުޅޭ ބޮޑު ބަދަލުގެ ތެރެއިން ފުރަތަމަ ބަދަލުކަމަށްވެސް ބާސެލޯނާއިން ބުންޏެވެ. އަދި ކްލަބާއި އަލަށް ޙަވާލުވާނެ ކޯޗެއް ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް ބުންޏެވެ.

ރިޕޯރޓްތައް ބުނާ ގޮތުން ކީކޭ ބަދަލުގައި ބާސެލޯނާއިން އެޓީމުގެ ކޯޗަށް ގެންނަން އުޅެނީ ނެދަލެންޑް ޤައުމީޓީމުގެ ކޯޗު ރޮނަލްޑް ކޯމަންއެވެ. ކޯމަންވަނީ 1989 ން 1995 ކާއި ދޭތެރޭ ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާއަށް ކުޅެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ