ޗެމްޕިއަންސް ލީގު ފައިނަލަށް ފުރަތަމަ ފަހަރަށް ޕީއެސްޖީ ދަތުރު ކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީ ދަތުރު ކޮށްފިއެވެ.

ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި ރޭ ކުޅުނު މެޗުން ޖަަރުމަނުގެ ލެއިޕްޒިގުގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު ފެށުނު ތަނާހެން ޕީއެސްޖީއަށް ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ނޭމާއަށް ލިބިގެންދިޔައެވެ. ނަމަވެސް އެމްބާޕޭގެ ތުރޫ ބޯޅައަކަށް އަރައި އޭރިއާތެރެއިން ނޭމާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް އަރިމަތީ ދަނޑީގައި ޖެހި ބޭރަށެވެ. އަދި ޖެހިގެން އައި މިނަޓްގައި އެމްބާޕޭ ލަނޑެއް ޖެހިނަމަވެސް ނޭމާ އެބޯޅަ ހޯދަން މަސައްކަތްކުރިއިރު ބޯޅަ އަތުގައި ޖެހިފައިވާތީ ރެފްރީވަނީ އެލަނޑު ކެންސަލްކޮށްފައެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނަޓްގައި ފެނިގެން ގޮސްފައިވާއިރު، ނޭމާގެ ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައިން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކުއިނޯސްއެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޑިމާރިއާވަނީ އިތުރު ލަނޑެއްޖަހައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 42 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ނޭމާގެ ހިތްގައިމު ޕާހަކުން ޑީމާރިއާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޕީއެސްޖީއަށް ލީޑު އިތުރަށް ފުޅާކުރާނެ ރަނުގެ ފުރުޞަތެއް އަނެއްކާވެސް ނޭމާއަށް ލިބުނެވެ. އޭރިއާ ތެރެއިން މިފަހަރު ނޭމާ ފޮނުވާލި ބޯޅަވެސްވަނީ ގޯލާއި އަމާޒުވާގޮތް ނުވެފައެވެ.

ދަށުގައި އޮތް ލެއިޕްޒެގުން ދެވަނަ ހާފު ކުޅެން ނުކުމެފައިވަނީ ބަދަލަކާއެކުގައެވެ. އެގޮތުން މެދުތެރެއަށް ކުޅެމުން އަންނަ ފޯސްބާގާއި ކުރިއަށްކުޅޭ ޝިކް އަރުވައި އެކްލަބުން ކުރި ވަރުގަދަ ކުރިއެވެ. އަދި ދެވަނަ ހާފުގެ ކުރީ ކޮޅުގައި ޕީއެސްޖީ ކޮޅަށް ވަރަށް ނުރައްކާވެސް ކޮށްފައިވެއެވެ. ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުޞަތެއް ލިބިފައެއްނުވެއެެވެ.

ރަނގަޅު ފޯމެއްގައި ކުޅެމުން ދަނިކޮށް ލެއިޕްޒެގް މާޔޫސްކޮށްލުމަށްފަހު، ޕީއެސްޖީ ތިން ވަނަ ލަނޑު ޖެހީ 56 ވަނަ މިނަޓްގައެވެ. ލެއިޕްޒިގްގެ ޑިފެންޑަރު ބޯޅަ ހިފައިގެން ދަނިކޮށް ވެއްޓުމާއި ގުޅިގެން ފައިދާ ނަގައި ޑިމާރިއާ ހުރަސްކޮށްދިން ބޯޅައިން ބާނަޓް ވެލަސްކޯ މިލަނޑު ކާމިޔާބުކޮށްފައިވަނީ ބޮލުންނެވެ.

ފައިނަލްގައި ޕީއެސްޖީ ނުކުންނަން ޖެހޭނީ ސެމީގައި މިރޭ ލިޔޯން އަދި ބަޔާން މިއުނިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ