ބާސެލޯނާއިން އެކްލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ ގޮތުގައި ހުރި އެރިކް އަބީޑާލްވެސް މަޤާމުން ވަކި ކޮށްފިއެވެ.
ބާސެލޯނާއަށް ކުރިން ކުޅުނު އެކްލަބުގެ ޓެކްނިކަލް މަސައްކަތަށް ނުކުމެފައިވަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ. އަދި ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރުގެ މަޤާމަށް އޭނާ އައިސްފައިވަނީ މިދިޔަ ހޫނު މޫސުމުގައެވެ. އެގޮތުން އަބީޑާލް ނިންމާފައިވާ މުހިންމު ނިންމުތަކުގެ ތެރޭގައި ކޯޗު އާނެސްޓޯ ވަލްވާޑޭ ވަކިކުރުމާއި، ގްރިޒްމަން އަދި ޑިޔޯން ކްލަަބަށް ގެނައުން ހިމެނެއެވެ.
❗ [LATEST NEWS]
Agreement for the ending of Éric Abidal's contract— FC Barcelona (@FCBarcelona) August 18, 2020
ބާސެލޯނާއިން އަބީޑާލް ވަކިކޮށްފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބޮޑު ތަފާތަކުން ބަލިވެ، ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ. އަދި މިބައްޔާއެކު ކްލަބަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް ރައީސް ބާޓޮމެއު ވަނީ ބުނެފައެވެ. އެގޮތުން ކޯޗު ކީކޭ ސެޓިއެން ވަކިކޮށްފައިވަނީ އިއްޔެ އެވެ.
މިއަހަރުގެ ކުރީކޮޅު އަބީޑާލް ދިން އިންޓަރވިއުއަކާއި ގުޅިގެންވެސް ކްލަބުގެ ތެރޭގައި މައްސަލަތަކެއް ޖެހިފައިވާކަން ފާހަގަކޮށްލެއެވެ. އެއިންޓަރވިއުގައި ވާހަކަ ދައްކަމުން އަބީޑާލް ބުނީ، ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަކިކުރުމުގައި ބާސެލޯނާގެ ކުޅުންތެރިންގެވެސް ޒިންމާވެސް އެބައޮތްކަމަށާއި، އެގޮތުން ޓީމު ތެރޭގައި ވާހަކަދެކެވިފައިނުވާއިރު، ބައެއް ކުޅުންތެރިން ވަލްވާޑޭއާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށްވެސް އަބިޑާލް ބުންޏެވެ. އަދި އެފަދަ މައްސަލަތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވީ ކަން ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
އަބީޑާލްގެ މިއިންޓަރވިއުއާއި ގެޅިގެން ކެޕްޓަން ލިއޮނަލް މެސީ ވާހަކަ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، މެސީ ބުނީ ކުޅުންތެރިންގެ ވާހަކަ ދައްކަންޏާ، އެއީ ސީދާ ކޮން ކުޅުންތެރިންނެއްކަން ހާމަކޮށްދޭން ޖެހޭނެކަމަށާއި، ނޫންނަމަ ހުރިހާ ކުޅުންތެރިންވެސް އެކަމުގައި ޝާމިލްވާނެކަމަށެވެ.



