އިދިކޮޅު ކޯލިޝަންއާއި ޑީއާރުޕީ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގުޅިގެން ސިޔާސީ މަސައްކަތް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ޑީއާރުޕީއާއި އެކު މިއަދު ބޭއްވި ބައްދަލު ވުމެއްގައެވެ. އެގޮތުން މި ބައްދަލުވުމުގައި ދެފަރާތުން ގުޅިގެން ސިޔާސީ މަސައްކަތް ކުރުމާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމުގައި ޕީޕީއެމް އިން ވަނީ ވިދާޅުވެފައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އެޑްރެސްކޮށް އިއްޔެ ޖާބިރު ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ޑީއާރްޕީގެ ލީޑަރޝިޕްގެ ފަރާތުން ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕާއިއެކު، ސަރުކާރު ޒިންމާދާރު ކުރުވުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ މަސްވަރާކޮށްލުމަށްޓަކައި ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވުމަށް އެދިލައްވާ ކަމަށެވެ.

ޑީއާރުޕީގެ އެދިލެއްވުމުގެ ދަށުން ދެފަރާތުން މިއަދު ބައްދަލުވުން ބާއްވައިފައި ވާއިރު، ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދާދިފަހުން ވަނީ އިދިކޮޅާއެކު ސަރުކާރާ ދެކޮޅަސް ނުކުންނަން ތައްޔާރަށް ހުރިކަން ހާމަކުރައްވާފައެވެ.

އެގޮތުން ޖާބިރު ވިދާޅުވެފައި ވަނީ މި ސަރުކާރުން ރައްޔިތުންނަށްވީ ވަޢުދުތައް ނުފުއްދި، ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން ބިކަވެ، ސަރުކާރު ފެއިލްވެފައިވާތީ ރައީސް އިސްތިޢުފާ ދެއްވައި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންއާއި އެކު ޑީއާރުޕީ އިން މަޝްވަރާ ކުރެއްވި އިރު، ޖާބިރު މީހެ ކުރިން ވަނީ އިދިކޮޅު ކޯލިޝަންއަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ގުޅިގެން ޑީއާރުޕީ ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ޖާބިރު ވަނީ ކުރިން ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ