ޔޫއެފާ ސުޕަރ ކަޕަށް ސަޕޯޓަރުން ވެއްދުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
55 ޖެނެރަލް ސެކްރެޓެރީންނާއެކު ޔޫއެފާއިން އަންގާރަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ޔޫއެފާއިން ފުޓްބޯޅަ މެޗުތަކަށް ސަޕޯޓަރުން ވަންދަން އަދިވެސް އަވަސްކަމަށާއި، ސަޕޯޓަރުން ވެއްދުމުގެ ކުރިން އެކަމުން ނުކުމެދާނެ ނަތީޖާތަށް ބަލަންޖެހޭއިރު، އަންނަ ސެޕްޓެމްބަރުގައި ސުޕަރކަޕް މެޗަކީ ސަޕޯޓަރުން ވައްދައިގެން ޓެސްޓްކޮށްލަން ރަނގަޅު ފުރުޞަތެއް ކަމަށެވެ.
އަދި އެމެޗަށް ވަކި އަދަދަކަށް ސަޕޯޓަރުން ވެއްދުމަށްވެސް ޔޫއެފާއިންވަނީ އިރުޝާދު ދީފައެވެ.
ޔޫއެފާ ސުޕަރކަޕަކީ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމާއި އަދި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރާ ޓީމާއި ދެމެދު ކުޅެވޭ މެޗެކެވެ. އެމެޗަކީ އާ ސީޒަން ފެށުމުގެ ކުރިން ކުޅޭ ފުރަތަމަ މެޗެވެ. ބުޑަޕެންސްޓްގައި މިމެޗުގެ ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ގައެވެ.
މިމެޗު އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވާ އޮތީ ޕޯޗުގަލްގެ ޕޯޓޯގަައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގު ޕޯޗުގަލްއަށް ބަދަލުކޮށް މިމެޗުވަނީ ހަންގޭރީގެ ބުޑަޕެސްޓަށް ބަދަލުކޮށްފައެވެ.
އަދި އެމެޗަށް އެހެން ޤައުމުތަކުން ކުޅުންތެރިން ދާނެތީ ކުޅުންތެރިން ކަރަންޓީނުވުމާއި ގުޅޭގޮތުންވެސް ޔޫއެފާއިން މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އަދި ޔޫއެފާއިން ޢަމަލުކުރަމުންދާ ޢުޞޫލްގެ ދަށުން އެފަދަ ކުޅުންތެރިން ޤަވާޢިދަށް ޓެސްޓުކުރެވެމުން ދާނެކަމަށާއި، ކުޅުންތެރިންގެ ފަރާތުން މުޖުތަމަޢުއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެކަމަށްވެސް ޔޫއެފާއިން ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން ފުޓްބޯޅަ މެދުކަނޑާލާފައިވަނީ މިއަހަރުގެ މާރޗްމަހުގައެވެ. އަދި އެއަށްފަހު މޭއި ޖޫން ގައި އަލުން ޔޫރަޕުގެ ވަރުގަދަ ފުޓްބޯޅަ ސީޒަންތައް ފެއްޓުމަށްފަހު، ނިންމާލާފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.



