ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް މައްސަލަ ހައްލުކުރުމުގައި ގޮންޖެހުންތައް ވަރަށް ބޮޑުކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވިދާޅު ވެއްޖެއެވެ.
މަލީޙު މިހެން ވިދާޅުވީ، ޔޫ.އެން އެސްކެޕްގެ ފަރާތުން ބޭއްވި "ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވީ" މި ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުހިއްމު ބައެއް ކަންތައްތަކަށް އަލިއަޅުވާލައްވާފައިވާއިރު، އެންމެ ފުރަތަމަވެސް ދުނިޔެއަށް މި ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް، އަދި ހާއްސަކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތި އުނދަގޫތައް ހިއްސާކުރެއްވިއެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ކުޑަ ޤައުމަކަށްވުމުން ބައެއް ފަހަރު ދިމާވާ ގޮންޖެހުންތަކަކީ ވަރަށް އާދައިގެ ގޮންޖެހުންތަކެއް ކަމަށް ރައްޔިތުންނަށް ބެލޭ ފަހަރު ދާ ކަމަށް މިނިސްޓަރ ފާހަގަ ކުރައްވާފައިވާއިރު، ދިމާވި ކޮވިޑް-19ގެ ހާލަތަށްފަހު މި ވިސްނުން ބަދަލުކުރަންޖެހޭކަމާއި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި މަސައްކަތް ކުރާ ގޮތް ބަދަލުކުރަންޖެހިފައިވާކަންވަނީ ފާހަގަކުރައްވާފައެވެ.
އަދި ކޮވިޑް-19 ގެ މި އުނދަގޫ ދަނޑިވަޅުން ވަރަށް ގިނަ ފިލާވަޅުތަކެއް ހާސިލްވެގެން ދިޔަ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންވެންޝަނަލް ޓެކްނޯލޮޖީސްތައް ދޫކޮށް ސަރުކާރުން ފަހުގެ ޓެކްނޯލޮޖީތަކުގެ އެހީގައި ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހެދުން މުހިއްމުކަމާއި، ކޮންމެ ފަދަ ހާލަތެއް ދިމާވިކަމުގައި ނަމަވެސް ސަރުކާރުގެ ހިދުމަތްތަކަށް ހުއްޓުމެއް ނައިސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގުފަހިވެފައި އޮތުން މުހިއްމުކަމަށް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން މިހާރަށްވުރެ ބޮޑަށް ކަން ކަމަށް ތައްޔާރުވާންޖެހޭކަމަށާއި، ސަރުކާރުގެ ޙިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިހާރަށްވުރެން ރަނގަޅު އީ.ގަވަރމެންޓް ސިސްޓަމް އަކާ ދިމާލަށް މިސްރާބު ޖަހަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މަލީހު ވިދާޅުވީ، ސަރުކާރު ޑިޖިޓަލައިޒް ކުރުމަށްޓަކައި ވަރަށް ކުރީއްސުރެން މަސައްކަތް ރާއްޖޭގައި ފެށިގެން ކުރިއަށް އެބަދާކަމަށާއި، މިގޮތުން 1990ގެ ކުރީކޮޅު މުޅި ރާއްޖެއަށް ޓެލެފޯން ކަވަރޭޖެ ލިބޭނެގޮތް ހެދުމުގެ މަޝްރޫއު އާއި 1990ގެ ފަހުކޮޅު ރާއްޖެއަށް އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނމުގެ މަޝްރޫއު އަދި 2000ވަނަ އަހަރުން ފެށިގެން ފައިބަރ ބްރޯޑްބޭންޑް ގޭގެއަށް ފޯރުކޮށްދިނުމާއި، މޯބައިލް ނެޓްވޯކް ކަވަރޭޖް ފޯރުކޮށްދިނިމުގެ މަސައްކަތް ފެށިގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ.
އަދި އިންޓަރނެޓްގެ ސްޕީޑް އަދި އިންޓަރނެޓްގެ އަގުހެޔޮކުރަން މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




