ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ހުޅުވާފައިވާ ފަންޑެކެވެ. މި ފަންޑުން ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޖެކްޓަކަށް އެހީވެއެވެ.
އެގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ.
ބީއެމްއެލުން ބުނީ community@bml.com.mv މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅަން ޖެހޭއިރު ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަސް ކަމަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާރު ވެސް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ޕްރޮޖެކްޓްތައް ހިންގާފަ އެވެ. އެގޮތުން މިހާތަނަށް 25 ރަށަކަށް ވަނީ މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތައް ހިންގާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.




