ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ކޮރަޕްޝަނަށްދޭ “ޒީރޯ ޓޮލަރެންސް” ރައްޔިތުންނަށް ވަރަށް ރަގަޅަށް ހާމަ ވެއްޖެ ކަމަށް ޕީއެންސީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީން ކޮއްފައިވާ ހަރަދުތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ހާމަ ވުމާއި ގުޅިގެން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ އެވެ.
"ހެލްތު މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީގެ ބޮޑު ޚިޔާނާތް ފަޅާ އެރިތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްފައި ނުވުމުން ރައީސް ޞާލިޙުގެ ސަރުކާރުން ކޮރަޕްޝަނަށްދޭ “ޒީރޯ ޓޮލަރެންސް” ރައްޔިތުންނަށް ވަރަށް ރަގަޅަށް ހާމަ ވެއްޖެ!" އަދުރޭ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީގެ ބޮޑު ޚިޔާނާތް ފަޅާ އެރިތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްފައި ނުވުމުން ރައީސް ޞާލިޙުގެ ސަރުކާރުން ކޮރަޕްޝަނަށްދޭ “ޒީރޯ ޓޮލަރެންސް” ރައްޔިތުންނަށް ވަރަށް ރަގަޅަށް ހާމަ ވެއްޖެ!
— Abdul Raheem Abdulla (@Banafsaa) August 20, 2020
އަދުރޭ މީގެ ކުރިންވެސް ވަނީ މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މީގެ ކުރިން އަދުރޭ ކޮއްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޞާލިޙުގެ ވެރިކަމަށް 2 އަހަރު ނުވަނީސް ދައުލަތުގެ ޚަޒާނާ ދަވާލައިފި ކަމަށާއި ރާއްޖޭގެ އިގުތިޞާދު ފުޑާލައިފި ކަމަށެވެ. އަދި ގައުމު ދަރުވާލައިފި ކަމަށާއި ދިވެހި ރައްޔިތުން ބަނޑަށް ޖައްސައިފި ކަމަށެވެ.
“ގައުމު ވިއްކާލައިފި. ކޮވިޑަކީ ވައްކަން ކުރަން ލިބުނު ރަނުގެ ފުރުޞަތަކަށްހަދާ ބޮޑުންގެ ޖީބުތައް ފުރާލައިފި. މުގުލުގައި ހުރީ ރައީސް ޞާލިޙު!” އަދުރޭ ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ގިނަބަޔު އަންނަނީ މިނިސްޓަރު އަމީން އަށް ފާޑު ކިޔަމުންނެވެ.



