ދަރުމަވަންތަ ހޮސްޕިޓަލު / ފޮޓޯ: އެޑިޝަން

ދެ ޕޭޝަންޓުންނާއި ހޮސްޕިޓަލުގެ ސީއީއޯ އާ އާއިލީ ގުޅުމެއްނެތް: އައިޖީއެމްއެޗް

ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ 2 ޕޭޝެންޓުންނާއި ހޮސްޕިޓަލުގެ ސީއީއޯއާ އެއްވެސް އާއިލީ ގުޅުމެއް ނެތް ކަމުގައި އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުން މިހެން ވިދާޅުވެފައި މިވަނީ "ދިވެހި ޗެނެލް" އިން ރޭގެ ވަގުތެއްގައި އެ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުންދާ 2 ޕޭޝަންޓުންނަކީ އެ ހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހީމް ސަލީމްގެ އާއިލީ ބޭފުޅުން ކަމުގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

އެގޮތުން އެ ހޮސްޕިޓަލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލުގައި އެކި ބަލިބައްޔަށް ފަރުވާ ދެމުންދާ ޕޭޝަންޓުގެ ތެރެއިން މި 2 ޕޭޝަންޓުންނަކީ 1 މެއި 2020 ގައި، ކޮވިޑް 19 ގެ އޭރުގެ ހާލަތާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަކީ ކޮވިޑް 19 އަށް ޚާއްޞަ ހޮސްޕިޓަލުގެ ގޮތުގައި ހަމަޖެހުމާއި ގުޅިގެން އެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ދެ ޕޭޝަންޓުން ކަމަށެވެ.

އަދި މި ދެ ޕޭޝަންޓުންނަކީ ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓަރީކޮށް، އެނދުމަތިކޮށް، އުޞޫލުތަކާއި އެއްގޮތަށް
ފަރުވާ ދެމުންދާ ޕޭޝަންޓުން ކަމުގައިވެސް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗް އިން ވިދާޅުވެފައިވަނީ މި ޕޭޝަންޓުންނަކީ އާސަންދައިން ކަވަރ ނުކުރާ ޕްރައިވެޓް ރޫމް ޗާޖް ފަދަ ޚަރަދުތައްވެސް،  ކަނޑައެޅިފައިވާ ޤަވާއިދާއި އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތަކެއްކަމަށެވެ. އަދި މި ޕޭޝަންޓުންނަކީ އެ ހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހީމް ސަލީމްއާއި އާއިލީ އެއްވެސް ގުޅުމެއް ނެތް ދެ ޕޭޝަންޓުން ކަމުގައިވެސް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ހޮސްޕިޓަލުގެ އިސްވެރިންނާއި ޑޮކްޓަރުން އަދި ޕޭޝަންޓުންވެސް ބަދުނާމުވާގޮތަށް ކަމުގެ ޙަޤީޤަތް އެއްވެސް މިންވަރަކަށް ސާފުކުރުމެއް ނެތި، އަދި ކޮވިޑް19 ގެ ބަލިމަޑުކަމާއި ގުޅިގެން އެންމެހައި ރައްޔިތުންގެ ހިތުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މިފަދަ ދޮގު ވާހަކަތައް ފެތުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޒިންމާދާރުކަމާއެކު މަޢުލޫމާތު ފެތުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ