ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑއަޅާފައިވާ ގައިޑް ލައިނާ އެއްގޮތަށް އާންމު ހިދުމަތް ދޭ ތަންތަނުން އަމަލު ކުރޭތޯ ބެލުމަށް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ޚާއްސަ އިންސްޕެކްޝަނެއް ފަށާނެ ކަމަށް ނޭޝަނަލް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ)ބުނެފިއެވެ.
އެޗްއީއޯސީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިމަހުގެ 25 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ފަށާނެ ކަމަށާއި، އެ އިންސްޕެކްޝަން ގައި އެއްވެސް ތަނެއް އިސްތިސްނާނުކޮށް ހުރިހާ ތަނެއް އިންސްޕެކްޓް ކުރާނެ ކަމަށެވެ.
އެއީ އޮގަސްޓް ހަތަރަކުން ފެށިގެން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އާންމު ހިދުމަތް ދޭ ތަންތަނުން ހިދުމަތް ދެމުން ގެންދޭތޯ ބެލުމަށް ފަށާ އިންސްޕެކްޝަނެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގައިޑް ލައިނާ އެއްގޮތަށް ގިނަ މީހުން އުޅުނަސް އަދިވެސް 9:30 އިން ފެށިގެން ބައެއް ތަންތަނުން ހިދުމަތްތައްދޭކަން ފާޙަގަކުރެވޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެކަން ހުއްޓާލަން ޖެހޭ ކަމަށާ ޑެލިވަރީގެ ހިދުމަތް ވެސް 8:00 ގެ ކުރިން ނިންމާލުން މުހިއްމު ކަމަށެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދެމުންދޭތޯ ބެލުމަށް މިހާރުވެސް އަންނަނީ އެ އިންސްޕެކްޝަން ކުރިއަށް ގެންދަމުން ނެވެ. އެގޮތުން ގައިޑްލައިނާ ހިލާފުވާ ތަންތަން ފުލުހުން ނާއި އެޗްޕީއޭ ގުޅުގެން އަންނަީ ބަންދު ކުރަމުންނެވެ.



