ބަދަލުކުޅުންތެރިއެއްގެ ގޮތުގައިވެސް ބާސެލޯނާގައި މަޑުކުރަން ސުއަރޭޒް ބޭނުންވޭ

ބަދަލުކުޅުންތެރިއެއްގެ ގޮތުގައިވެސް ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަން ލުއިޒް ސުއަރޭޒް ހާމަކޮށްފިއެވެ.

ސުއަރޭޒް މިކަން ހާމަކޮށްފައިވާއިރު، ބާސެލޯނާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ގިނަ ކުޅުންތެރިންތަކެއް ވިއްކާލުމަށްވަނީ ނިންމާފައެވެ. އަދި އެކުޅުންތެރިންގެ ލިސްޓްގައި ސުއަރޭޒްވެސް ހިމެނޭކަމަށް ރިޕޯރޓްތައް ބުނެއެވެ.

ފިޓްނަސް ދަށްވެ، ސުއަރޭޒްގެ ފަރާތުން ކުރިން ކުޅެމުން އައި ކުޅުން ނުފެންނާތީ ގިނަ ބަޔަކު ދަނީ ފާޑު ކިއަމުންނެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވީނަމަވެސް ސުއަރޭޒްވަނީ މިސީޒަންގައި ބާސެލޯނާއަށް 21 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އަދި ސުއަރޭޒް ވިއްކާލަން އުޅޭ ވާހަކަތަކަށް ޖަވާބު ދެމުން ސުއަރޭޒް ބުނީ، ކްލަބުގެ ފަރާތުން އެފަދަ އެއްވެސް ވާހަކައެއް އޭނާއާއި ދައްކާފައިނުވާކަމަށާއި، އެހެންނަމަވެސް ކްލަބުން އެގޮތަށް ބޭނުންވާނަމަ، ރިޕޯރޓަރުން ގާތު އެވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާ ގާތު އެވާހަކަ ބުނުން މުހިންމު ކަމަށެވެ.

"ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ހުރުމަކީ ކުޅުން ކުރިއެރުވުމަށް ލިބޭ ހިތްވަރެއް. އަދި އާ ކޯޗު އެގޮތް ބޭނުންވާނަމަ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ހުންނަން އަހަރެން ޤަބޫލް" ސުއަރޭޒް ބުންޏެވެ.

އިންގްލޭންޑްގެ ލިވަޕޫލް ދޫކޮށް ބާސެލޯނާއާއި ސުއަރޭޒް ގުޅުނީ 2014 ވަނަ އަހަރުގެ ޖުލައި 11 ގައެވެ. އޭގެފަހުން ބާސެލޯނާއަށް ކުޅެދިން 283 މެޗުން ސުއަރޭޒްވަނީ 197 ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދީފައެވެ.

ރިޕޯރޓްތައް ބުނާގޮތުން ސުއަރޭޒްގެ ބަދަލުގައި އިންޓަރމިލާންއަށް ކުޅެމުން އަންނަ ލަޓާރޯ މާޓިނޭޒް ހޯދުމަށް ބާސެލޯނާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލުން ބޮޑު ތަފާތަކުން ބަޔާން މިއުނިކް އަތުން ބާސެލޯނާ ދަށްވުމާއި ގުޅިގެން ގިނަ ފާޑު ކިއުންތަކެއްވަނީ އަމާޒުވެފައެވެ. އެހެންކަމުން ޓީމު އަލުން އެކުލަވާލުމުގެ މަސައްކަތް ރައީސް ބާޓޮމެއު މިހާރު ފަށާފައިވާއިރު، ކޯޗު ކީކޭ ސެޓިއެން ވަކިކޮށް ރޮނަލްޑް ކޫމަންވަނީ ކޯޗުކަމަށް ގެނެސްފައެވެ. އަދި ސްޕޯޓިން ޑިރެކްޓަރު އަބީޑާލްވެސްވަނީ މަޤާމުން ވަކިކޮށްފައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ