އެޗްޕީއޭގެ ގައިޑްލައިންތައް ރައްޔިތުންނަށް ވަނީ ވޭނާ ތުރާލަކަށް ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ހަމްނާ ވަހީދު ވިދާޅުވެއްޖެ އެވެ.
މާލޭ ސީޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ހަމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތައް މީ ރައްޔިތުންނަށްހުރި ވޭނާ ތުރާލަކަށް ވެގެންދާތަން ފެންނަކަމީ ދެރަކަމެއް ކަމަށެވެ.
ހަމްނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ޑިއުޓީ ކުރާ ވަޒީފާތައް އަދާކުރާ މީހުންގެ ޖީބަށް ބާރު ބޮޑުވާނެ ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ ފަރާތްތަކަށް އިތުރަށް ގެއްލުން ދައްކާނެ ކަމަށެވެ.
Duty kuraa vazeefa thah adhaa kuraa meehunge jeebah baarubodu vaane.
Kudhi adhi medhu fantheege viyafaari thah kuraa faraaiythakuge viyafaari thakah ithurah ah gellun dhakkaane.
HPA guideline thah mee rayyithunah huri veynaa thuraalakah vegen dhaathan fenna kamee dherakameh!
— Hamna Waheed ? (@HamWahydd) August 23, 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް މިއަދުން ފެށިގެން ވަނީ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 05:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 05:00 އަށް، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ދެމުންދާ އެންމެހައި ހިދުމަތްތައް، ރޭގަނޑު 09:30 އިން ފެށިގެން ފަތިހު 05:00 އަށް ވަނީ ހުއްޓާލަންވެސް އަންގައިފައެވެ. މިއަދު މިކަމާއި ގުޅިގެން އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުން މާލޭގެ ރެސްޓޯރެންޓްތައް ހިނގާ ބައެއް ފަރާތްތަކުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.
މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ 5 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައްޔާއި އާއްމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުމާއި މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ގިނަ މީހުން އެއްވެގެން ކުޅިވަރުތައް ކުޅެ، ހަފްލާތަކާއި ޕާޓީތަކާއި އެއްވުންތައް ބާއްވައި، ޓީމު ހަދައިގެން ކުލޭ ކުޅިވަރުތައް ބޭއްވުން ވަނީ ހުއްޓާލަން އަންގައިފައެވެ.
ސިއްހީ ބޭނުންތަކާއި ޟަރޫރީ ބޭނުންތަކަށް ރަށްރަށުން މާލެއަށް އައިސްފައިވާ މީހުން ފިޔަވައި އެހެން މީހުން، މާލެއިން އެހެން ރަށްރަށަށް ދިއުން ހުއްޓާލައި މާލެއާއި، ހުޅުމާލެ އަދި ވިލިމާލެއަށް އެރުމުގައި، މާލެ ސިޓީ ކައުންސިލުން ކަނޑައަޅާ ސަރަހައްދުތަކުން ފިޔަވައި އެހެނިހެން ސަރަހައްދުތައް ބޭނުންކުރުން މަނާ ކުރުމާއި ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާ ފަރާތަތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތައް އަމަލުކުރުމާއި ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅަން ވަނީ އަންގައިފައެވެ.
ޟަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގައި ގޭގެއަށް ޒިޔާރަތްކުރުން ހުއްޓާލައި އޮފީސްތަކުން ބާއްވަންޖެހޭ ބައްދަލުވުންތައް އޮނަލައިންކޮށް ބޭއްވުމައި އޮފީހަށް ހާޒިރުވެގެން ކޮންމެހެން ބާއްވަންޖެހޭ ފަދަ ބައްދަލުވުންތައް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތައް ބޭއްވުމަށްވެސް ވަނީ އަންގައިފައެވެ.



