ރައްޔިތުން ބަނޑުހައި ހޫނު ކަމުގައި، ވެރިން ބައިތުލްމާލު ޣަނީމާކޮށްގެން ބަހަނީ: ޖަމީލް

ރައްޔިތުން ބަނޑުހައިހޫނުކަމުގައި ތިބިއިރު ވެރިން ބައިތުލްމާލު ޣަނީމާކޮށްގެން ބަހަނީ ކަމުހައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން މިހާރު ދިމާކޮށްފައިވަނީ ފިހާރަތަކާއި ކެފޭތައް އިނދަޖައްސަންކަމަށާއި އެޗްޕީއޭ ރަމްޒުކޮށްދެނީ ސަރުކާރު ފެއިލްވެ މިސްރާބު ގެއްލިފައިވާ ވަރުކަމަށެވެ. "މިއީ އެންމެން ނުކުމެ ސަރުކާރު ހަމަބިމަށް ތިރިކުރަންވީ ވަގުތު" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް ފެތުރުން ކޮށްޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމާއި ގުޅިގެން މާލޭގެ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން އެކަމާ ނުރުހުން ފާޅުކޮށް ދަރުބާރުގޭ ކުރިމަތީގައި އިޙްތިޖާޖު ކުރުމާއި ގުޅިގެންނެވެ.

އެގޮތުން މާލޭގެ ރެސްޓޯރެންޓްތައް ހިންގާ ބައެއް ފަރާތްތަކުން މިއަދު ވަނީ އެޗްޕީއޭގެ މި ފިޔަވަޅުތަކާއި ގުޅިގެން ރެސްޓޯރެންޓް ވިޔަފާރިތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެކަން ފާހަގަކޮށް ޝުޢޫރު ފާޅު ކޮށްފައެވެ.

ސަރުކާރުން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިއަދުން ފެށިގެން ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. އެގޮތުން އެޗްޕީއޭ އިން ވަނީ މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 05:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 05:00 އަށް، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް އާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން ކޮށްފައިވާ ޚަރަދުތަކުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަން އޭސީސީ އިން ނެރެފައިވާ އޮޑިޓް ރިޕޯޓްތަކުން ވަނީ ފާހަގަވެފައެވެ. އަދި މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ހެލްތް މިނިސްޓަރ އަމީން މަސްޢޫލިއްޔަތުން އަމިއްލައަށް އެކަހެރިވެފައިވާއިރު އެ މިނިސްޓްރީގެ އިސްވެރިންތަކެއްވެސް ވަނީ މިކަމާއި ގުޅިގެން ސަސްޕެންޑް ކޮށްފައެވެ.

ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއް ދީފައި ވަނިކޮށް ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން ސަރުކާރުން ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށި ކޮށްފައިވާއިރު، މިހާހިސާބަށް 6660 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 26 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ