ބަޔާން މިއުނިކަށް ކުޅެމުން އަންނަ ލެވެންޑޯސްކީއާއި ޚިލާފަށް ޕީއެސްޖީގެ ނޭމާއަކީ ލިއޮނަލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިއެއްކަމަށް ޕޯޗުގަލްގެ ކުރީގެ ތަރި ޑެކޯ ބުނެފިއެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑެކޯ ބުނީ، ލެވެންޑޯސްކީއަކީ މޮޅު ކުޅުންތެރިއެއްކަމަށާއި، ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ސްޓަރައިކަރަކީ ލެވެންޑޯސްކީއޭ ބުނުމުން ގޯހެއް ނުވާނެކަމަށެވެ.
"ލެވެންޑޯސްކީ އަކީ މޮޅު ކުޅުންތެރިއެއް، ނަމަވެސް ނޭމާއަކީ މެސީ އަދި ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިއެއް." ޑެކޯ ބުންޏެވެ.
މީގެއިތުރުން ޑެކޯ ބުނީ، ނޭމާއަކީ ވަރަށް ކުޑައިރުއްސުރެ ފުޓްބޯޅައިގެ ދުނިޔޭގައި އުޅޭ ކުޅުންތެރިއެއްކަމަށާއި، މިފަދަ މުހިންމު މެޗެއްގައި ކުޅުން ބަހައްޓަންވީގޮތް އޭނާއަށް ރަނގަޅަށް އެނގޭނެކަމަށެވެ. ނޭމާގެ ހުނަރުތައް ދަނޑުމަތީގައި އޭނާ ދައްކާނީ ވަރަށް ހިތްހަމަޖެހިލައިގެން އުފަލާއެކުކަމަށްވެސް ޑެކޯ ބުންޏެވެ.
މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވެންޑޯސްކީ ބަޔާނަށް 55 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 9 މެޗުން 15 ލަނޑު އޭނާވަނީ ބަޔާނަށް ކާމިޔާބުކޮށްދީފައެވެ. ނޭމާ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއަށް ހަމެޗު ކުޅެފައިވާއިރު، އެހަމެޗުން އޭނާވަނީ 3 ލަނޑު ކާމިޔާބުކޮށްފައެވެ.
ޕޯޗުގަލްގެ ލިސްބަންގައި ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ ފައިނަލް ފެށޭނީ މިރޭ 12:00 ގައެވެ. ދުނިޔޭގެ އެތަކެއް ހާސް ސަޕޯޓަރުންނެއް މިމެޗަށް އިންތިޒާމުކުރަމުން އަންނައިރު، މިއީ ޕީއެސްޖީއިން މިމުބާރާތުގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ބަޔާންއިން މިމުބާރާތުގެ ފައިނަލްގައި މީގެކުރިން 10 ފަހަރު ކުޅެފައިވާއިރު، އޭގެތެރެއިން 5 ފަހަރުވަނީ މިމުބާރާތް ކާމިޔާބުކޮށްފައެވެ.




