އަދުގެ ސަރުކާރުން ނުހައްޤުން ވަޒީފާއިން ވަކުކުރާ ފަރާތްތަކަށް ޕްރޮގްރެސިވް ކޯލިޝަނުގެ ވެރިކަމެއްގައި 48 ގަޑިއިރު ތެރޭގައި މުސާރަޔާއެކު އަލުން ވަޒީފާ ދޭނެކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ރޭ މެންދަމު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީ ގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވީ، ވަޒީފާއިން ވަކިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުގެ ގޮތުން އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި، އެ ފޯމު އަންނަ އާދީއްތަ ދުވަހުން ފެށިގެން ޕީޕީއެމްގެ އޮފީހުން ލިބެން ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ތައްޔާރުކޮށްފިން ފޯމެއް. އެ ފޯމަކީ މި ސަރުކާރުން ނުޤައިވާއިދުން ވަޒީފާއިން ވަކިކުރާ މީހުންގެ މަޢުލޫމާތު ނެގުމަށް ތައްޔާރުކޮށްފައިވާ ފޯމެއް. އެ ފޯމުގަ ވަކި ޚާއްޞަ ސީރިއަލް ނަމްބަރެއް އިންނާނެ. އެ ފޯމު އަޅުގަނޑުމެންގެ އޮފީހުން ލިބޭނެ." ޝުޖާޢު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، ﷲ ގެ ރަޙްމަތްފުޅާއި އެކު، 2023 ވަނަ އަހަރު އެ ކޯލިޝަނުން ވެރިކަމާއި ހަވާލުވާނެ ކަމަށާއި، ހަވާލުވުމަށްފަހު 48 ގަޑި އިރުގެ ތެރޭގައި، މި ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް، އެމީހުންނަށް ގެއްލިފައިވާ ޖުމްލަ މުސާރައިގެ އަދަދާއި އެކު، ވަޒީފާ އިއާދަކޮށްދޭނެ ކަމަށެވެ.
"މި ކަންބޮޑުވުމަކީ އަޅުގަނޑުމެންނަށް ހުށަހަޅާ އެންމެ ބޮޑު ކަންބޮޑުވުން. ވަރަށް ގިނަ ރަށްރަށުން އެބަ ހުށަހަޅާ. އަޅުގަނޑުމެންގެ ޤާނޫނީ ޓީމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމީހުންނަށް އެމީހުންގެ ހައްޤު ހޯދައިދޭނަން." ޝުޖާޢު ވިދާޅުވިއެވެ.
ސަރުކާރަށް މިވީ ހަމަސް ދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެޗްޑީސީން 149 މުވައްޒަފުން ވަކިކޮށްފައިވާއިރު، ފެނަކަ ކޯޕަރޭޝަނުންވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވެއެވެ. މީގެ އިތުރުން އެހެނިހެން ކުންފުނިތަކުންވެސް ވަޒީފާއިން ވަކިކުރި މައްސަލަތައް ފެންމަތިވެފައިވެއެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަޤުޞަދަކަށް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ތަކުރާރު ކުރެއްވުމަށް ފަހުއެވެ.