ކެޕްޓަން މެނުއަލް ނޯޔާގެ މޮޅު ކުޅުމާއެކު ބަޔާން މިއުނިކުން ޔޫރަޕުގެ ރަސްކަން ހަވަނަ ފަހަރަށް ހޯދައިފިއެވެ.
ޔޫރަޕުގެ ރަސްކަމަށް ބަޔާން އައިސްފައިވަނީ ރޭ ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލްގައި ވަރުގަދަ ޕީއެސްޖީގެ މައްޗަށްކުރި ހޯދައިގެންނެވެ.
ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު މިމެޗު ބަޔާންއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޕީއެސްޖީއަށް ކުރިން ކުޅުނު ކިންގްސްލޭ ކޯމަންއެވެ. ޖޯޝުއާ ކިމިޗް ނަގައިިދިން ހުރަހަކުން ކުރިން ކޯމަން މިލަނޑު ޖަހާފައިވަނީ ބޮލުންނެވެ. މި ލަނޑަކީ ބަޔާން އިން ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 500 ވަނަ ލަނޑެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބަޔާންގެ ކެޕްޓަން އަދި ކީޕަރު ނޯޔާވަނީ ޕީއެސްޖީގެ ނޭމާ އަދި އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވާފައެވެ.
ރޭގެ މޮޅާއެކު ބަޔާންއިން ޗެމްޕިއަންސް ލީގު ތަށި ހަވަނަ ފަހަރަށް އުފުލާލައި، ލިވަޕޫލްއާއި ވަނީ ހަމަހަމަކޮށްފައެވެ. ބަޔާންއިން މިމުބާރާތް އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2012-13 ސީޒަންގައެވެ.
ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ރެއަލްމެޑްރިޑުންނެވެ. ރެއަލްމެޑްރިޑުން 13 ފަހަރެއްގެ މަތިން މިމުބާރާތް ކާމިޔާބުކޮށްފައިވާއިރު، ދެވަނާގައި އޮތް އޭސީ މިލާނުން 7 ފަހަރުވަނީ މިމުބާރާތް ކާމިޔާބުކޮށްފައެވެ. އެއަށްފަހު ބަޔާން އަދި ލިވަޕޫލް އުޅެނީ ތިންވަނާގައެވެ.



