2022 ވަނަ އަހަރުގެ ވޯލްޑްކަޕް 48 ޓީމަށް އިތުރުކުރަން ގެންގުޅުނު ޚިޔާލު ފީފާއިން މަޑުޖައްސާލައިފި

2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް 48 ޓީމަށް އިތުރުކުރަން ގެންގުޅުނު ޚިޔާލު ފީފާއިން މަޑުޖައްސާލައިފިއެވެ.

2026 ވަނަ އަހަރުގެ ވޯލްޑްކަޕަށް ޖުމަލް 48 ޓީމު ނެރެން ފީފާއިން ރާވަމުން ދިޔަނަމަވެސް 2022 ގައި ގަތަރުގައި ބޭއްވޭ ވޯލްޑްކަޕުގައިވެސް އެދަދަށް ޓީމު ނެރެވިދާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ބުނެފައިވަނީ މިދިޔައަހަރުއެވެ.

ގަތަރުގެ އިތުރުން ކައިރި އެހެން ޤައުމުތަކުގައިވެސް މުބާރާތުގެ މެޗުތައް ކުޅެވޭގޮތަށް ހަމަޖައްސަން ފީފާއިން އޭރު ރާވަމުންދިޔައެވެ.

އެހެންނަމަވެސް ފީފާގެ މިޕްލޭން ބޭނުންވާވަރަށް ވަގުތު ނެތްކަމަށްބުނެ ފީފާއިން މިހާރުވަނީ މިޚިޔާލު މަޑުޖައްސާލާފައެވެ. ގަތަރު ވޯލްޑް ކަޕުގައި އެ ބަދަލު ނުގެންނަން ފީފާ އިން ނިންމި އެންމެ ބޮޑު ސަބަބަކީ ކުއްލިއަކަށް ޓީމު އިތުރުކޮށްފިނަމަ އިތުރު އިންތިޒާމް ހަމަޖައްސަން ދަތިތަކެއް ކުރިމަތިވެދާނެތީ އެވެ. ގަތަރު ވޯލްޑް ކަޕް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ގިނަ ގައުމުތަކުގެ ތާއީދާ އެކު ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތައް އިތުރުކުރަން ނިންމި ނިންމުމަށް އެ ގައުމުން ވެސް މަރުހަބާކިޔާ ކަަމަށާއި އެކަމަކު އެއީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަންތައްތައް އެންމެ ފުރިހަމަ އަށް އިންތިޒާމްކުރެވޭނެ ނަމަ ކަމަށެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް އިތުރު 16 ޓީމު އެއްކޮށްގެން ގިނަ މައްސަލަތަކެއް ފެންމަތިވާނެކަމަށް ޔޫއެފާގެ ރައީސް އެކްސާންޑާ ކެފެރިން ބުނެފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

ފީފާގެ މިނިންމުމާއެކު 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވިގެންދާނީ ގަތަރުގައި އެކަންޏެވެ. ޓީމުތައް އިތުރުކޮށް 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ގަތަރުގެ އިތުރުން ކުވެއިތުއާއި އޮމާންގައިވެސް ބޭއްވުމަށް ފީފާއިން ވިސްނަމުންދިޔައެވެ.

ފީފާ އިން ވަނީ މޫސުމާއި އެހެނިހެން ކަންތައްތަކަށް ބެލުމަށް ފަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުޅޭނެ ތާރީހަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ގަތަރު ވޯލްޑް ކަޕް ކުޅޭނީ ނޮބެމްބަރު 21 އިން ޑިސެމްބަރު މަހުގެ 18 އަށެވެ.

ފީފާގެ މިނިންމުމާއެކު 48 ޓީމުގެ ވޯލްޑްކަޕް ދެން ފެނިގެންދާނީ 2026 ވަނަ އަހަރުގައި ކަމަށް ލަފާކުރެވެއެވެ. 2017 ވަނަ އަހަރު ފީފާއިން ވޯލްޑްކަޕްގައި ކުޅޭ ޓީމުތައް އިތުރުކުރުމަށް ވޯޓުލާފައިވަނީ 2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުޅޭ މުބާރާތަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ