ހެލްތު މިނިސްޓްރީގެ ބައެއް އިސްވެރިން | ފޮޓޯ: ހެލްތު މިނިސްޓްރީ

އަމީން ހާޟިރުވިއިރު ވަކީލުންގެ ލަފަޔާއިއެކު ނިޝާމާ އާއި އަސްލަމް ކޮމެޓީއަށް ހާޟިރެއްނުވި

ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލިއަންސް އޮޑިޓް ރިޕޯޓާއި ގުޅޭ ގޮތުން، މާލިއްޔަތު ކޮމެޓީއަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅަކު ހާޟިރުކުރުމަށް އިއްޔެ ސިޓީ ފޮނުއްވާފައިވާއިރު އެފަރާތްތައް މިއަދުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް މަޖިލީހަށް އެންގި ނަމަވެސް 2 ބޭފުޅަކު މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ހާޟިރު ނުވެއެވެ.

އެގޮތުން މިއަދުގެ ކޮމެޓި ބައްދަލުވުމަށް ހާޟިރުނުވަނީ ސަސްޕެންޑްކޮށްފައިވާ ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ، ޑައިރެކްޓަރ އޮފް ފައިނޭންޝަލް އެގްޒެކްޓިވް އަޙްމަދު އަސްލަމް އާއި ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިޝާމާ އެވެ.

މާލިއްޔަތު ކޮމެޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ މި ދެބޭފުޅުން ހާޟިރުވެފައި ނުވަނީ، އެއީ ތަހްޤީޤު ކުރަމުންދާ މައްސަލައަކަށް ވާތީވެ، އެ ދެބޭފުޅުންގެ ވަކީލު ކޮމެޓީއަށް ހާޟިރު ނުވާން ލަފާ ދެއްވާފައިވާތީ ކަމަށް މަޖިލީހުގެ ސެކްރެޓޭރިއަޓުން މަޢުލޫމާތު ދެއްވާފައި ވާކަމަށެވެ.

ހެލްތު މިނިސްޓަރ އަމީން ހިމެނޭ ގިތަށް 9 ބޭފުޅުން މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ހާޟިރުވިއިރު، އެ ބޭފުޅޫންނާއެކު ކޮމިޓީ ކުރިއަށް ގެންދިޔުމާ މެދު މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތު ވެފައެވެ. ބައެއް މެންބަރުން އެ ދެ ބޭފުޅުން ހާޒިރުނުވުން ކޮމިޓީގެ މަސައްކަތް ހުއްޓުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ވިދާޅުވާއިރު އެނެއްބައި މެންބަރުން ވިދާޅުވީ ކޮމެޓީ ބައްދަލުވުމަށް އެންމެ މުހިންމު 2 މީހުން ހާޟިރު ނުވުމުން، އެ ދެ މީހުން ހާޟިރުވުމުގެ އަމުރެއް ނެރެ މާދަމާ 14:00 ގައި ކޮމެޓީ ބައްދަލުވުން ބޭއްވުމަށެވެ.

މާދަމާ 14:00 އަށް އެބޭފުޅުން ހާޟިރު ކުރަން އަމުރެއް ނެރެދެއްވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށައެޅުއްވުމުން ގިނަ މެންބަރުން ވަނީ އެ ހުށައެޅުމަށް ތާޢީދު ކުރައްވާފައެވެ.

ކޮމިޓީގެ މުގައްރިރު ނާޝިޒު ނިންމެވީ، މި މައްސަލައިގައި މާދަމާ މެންދުރު 14:00 އަށް އެމީހުން ކޮމިޓީއަށް ހާޒިރުވުމަށް އަމުރެއް ނެރެދިނުމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުން ތައްވެސް މެމްބަރުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ނާޝިޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ