ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ

ކ. ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ. 

ތިލަފުށީގައި ހިންގާ "ވޭސްޓް ޓު އެނަރޖީ" ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީއާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީ އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމްއިން ގުޅިގެން ފަންޑު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އަދި އޭ.ޑީ.ބީއިން ދިވެހި ސަރުކާރަށް ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓުގެ މަޝްރޫޢަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމެއް ޑިޒައިންކޮށް، ޢިމާރާތްކޮށް އަދި ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 28 ޖުލައި 2019 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް ފަނަރަ ސަތޭކަ ރުފިޔާގެ ނޮންރީފަންޑަބަލް ފީއެއް ދައްކަންޖެހޭނެ ކަމަށާއި، މިއަދުން ފެށިގެން 17 ޖުލައި 2019 ގެ ނިޔަލަށް ފައިސާ ބަލައިގަންނާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ވޭސްޓު އެނަރޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމަކީ، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށްޓަކާ މިހާރު ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ޤައުމުތަކުގައި ވަރަށް ކާމިޔާބުކަމާއެކު ބޭނުންކުރާ ނިޒާމެކެވެ. އެގޮތުން ޗައިނާ، ޖަޕާން އަދި އިންޑިއާ ފަދަ ޤައުމުތަކުގައިވެސް މި ނިޒާމް މިހާރު ދަނީ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންނެވެ. 

އެ ނިޒާމުގެ އެހީގައި ތިމާވެއްޓަށް ގެއްލުން ހުރި މާއްދާތައް ބޭނުންކޮށްގެން ކުނި އެންދުމުގެ ބަދަލުގައި، އެކަމަށް ޙާއްސަކޮށްފައިވާ އިންސިނިރޭޓަރެއްގެ އެހީގައި ކުނިން ހަކަތަ އުފައްދައިދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް