މީޑިއާ ކައުންސިލްގެ މައްސަލައެއް "ވަގުތު" އިން ކޯޓަށް ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މައްސަލައެއް އޮންލައިން ނޫސް "ވަގުތު" އިން ކޯޓަށް ހުށަހަޅައިފިއެވެ.

"ވަގުތު" އިން ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އެ ނޫހުގައި ޝާއިއުކުރި ޚަބަރުތަކަކާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ (އިންތި) ގެ ކިބައިން މަޢާފަށް އެދުމަށާއި އަދި އެއަށް ފަހު "ވަގުތު" ގައި އޭނާގެ ކިބައިން މަޢާފަށް އެދޭކަން އެނގޭނޭގޮތަށް ޚަބަރެއް އާއްމު ކުރަން މީޑިއާ ކައުންސިލުން "ވަގުތު" އަށް އެންގި އެންގުން ބާތިލް ކޮށްދިނުން އެދި ކަމަށެވެ.

"ވަގުތު" ގެ ޤާނޫނީ ވަކީލް އަލްއުސްތާޛް އާދަމް ޝަމީމް ވިދާޅުވީ، ސިވިލް ކޯޓަށް މީޑިއާ ކައުންސިލްގެ މައްސަލަ ހުށަހެޅީ އިމްތިޔާޒް ހުށަހެޅި ޝަކުވާގެ މައްސަލަ މީޑިއާ ކައުންސިލުން ބައްލަވައި "ވަގުތު" އާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު ގައި ކަނޑައަޅާފައިވާ އިޖުރާޢަތްތަކާއި، ޑިއު ޕްރޮސެސްގެ އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ ކަމަށެވެ.

އެ މައްސަލަ ބެލުމުގައި މީޑިއާ ކައުންސިލުން ހިންގާފައިވާ އެންމެހާ އިޖުރާޢަތުތަކާއި، އެ މައްސަލަ ބަލައި "ވަގުތު" އާމެދު މެދު ފިޔަވަޅު އެޅުމުގެ ގޮތުން މީޑިއާ ކައުންސިލުން "ވަގުތު" އަށް ފޮނުވާފައިވާ ސިޓީއާއި، އެ ސިޓީން އަޅާފައިވާ ފިޔަވަޅު ބާޠިލުކޮށްދިނުމަށް "ވަގުތު" ގެ ދައުވާގައި އެދިފައިވެއެވެ.

މި ފަހަކަށް އައިސް "ވަގުތު" ނޫހުގައި ލިޔާ ލިޔުންތަކުގެ މައްސަލަތައް އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން މީޑިއާ ކައުންސިލަށް ހުށަހަޅަމުން އަންނައިރު، އެ ނޫސް ބޮއިކަޓް ކުރުމަށް ސަރުކާރުގެ މިނިސްޓަރުންވެސް ހިމެނޭހެން ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ