އަފްގާނިސްތާނުގެ އެންމެ ފުރަތަމަ އަންހެން ފިލްމް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ސަބާ ސަހާރާ އަށް ބަޑިން ހަމަލާދީފިއެވެ.
އުމުރުން 44 އަހަރުގެ ސަހާރާ އަށް ބަޑިން ހަމަލާދީފައިވަނީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ހުޅަނގުގެ ހިސާބެއްގައެވެ. އަދި ސަހާރާ އަށް ހަމަލާދީފައިވަނީ ކާރުގައި ދަތުރުކުރަމުން ދަނިކޮށް ހަތިޔާރާއެކު އައި ތިންމީހުން ކަމަށް މައުލޫމާތު ލިބެއެވެ.
ހަމަލާދިންއިރު ސަހާރާ އާއެކު ކާރުގައި ދަތުރުކުރަމުން ގޮސްފައިވަނީ ކާރު ޑުރައިވަރާ، ދެ ހަށިފާރަވެރިންނާ، އަދި ކުޑަކުއްޖެކެވެ. މި ހަމަލާގެ ސަބަބުން ދެ ހަށިފާރަވެރިންނާ ސަހާރާ ޒަހަމްވީ ނަމަވެސް ކާރުގައި އެވަގުތުހުރި ކުޑަކުއްޖާ އަށާއި ޑުރައިވަރަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ސަހާރާ އަކީ އަފްގާނިސްތާނުގެ އެންމެ ފުރަތަމަ އަންހެން ފިލްމް ޑައިރެކްޓަރުންގެ އިތުރުން މައްޝޫރު އެކްޓަރެކެވެ. އަދި މީގެއިތުރުން އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭކަނބަލެކެވެ.
ސަހާރާގެ ފިރިމީހާ އިމާލް ޒަކީ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސަހާރާ ގެއިން މަސައްކަތައް ދިއުމަށްޓަކައި ނުކުތްތާ ފަސް މިނެއްޓެއްހާއިރު ތެރޭ ބަޑީގެ އަޑުފައްގަނޑު އިވިގެން ސަހާރާއަށް ގުޅި ކަމަށާއި ގުޅުމުން ސަހާރާ ފޯނުނަގައި ބަޔަކު ހަމަލާދީފައިވާ ކަމަށާއި ހަމަލާ ބަނޑަށް އަމާޒުވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާދިސާއާއި ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައެއް ނުވެއެވެ. އަދި ސަހާރާގެ ހާލުވެސް މިހާރު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.



