ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކޮށްފައިވާ ލ. މާވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ 46 ޕަސެންޓް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 40 މީޓަރުގެ ސަރަހައްދެއްގެ ރިވެޓްމަންޓް ޖަހައި، 550 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 27.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 07 އޭޕްރިލް 2020 ގައެވެ. މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.



