މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މި ވައިޓް އެލާރޓް ނެރެފައިވަނީ މިރޭގެ 22:15 ން ފަތިހު 03:00 އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓް ނެރެފައިވާ ގަޑިތަކުގައި މިސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.
Alert White for heavy rain and thunderstorms. pic.twitter.com/JZBTAxQY3B
— Maldives Meteorology (@MetMaldives) August 25, 2020
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ، ކުރިއަށް އޮތް ވަގުތުތަކުގައި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.
“ހުޅަނގުއުތުރާއި އުުތުރުންް، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ.” މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން އެއިދާރާއިން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި، ދެކުނުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ 2 – 5 ފޫޓާއި ދެމެދުގައިކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.



