މެސީ ބާސެލޯނާ ދޫކޮށްލަނީތަ؟

މިއަދުގެ ކުޅިވަރު ޚަބަރުތަކުގެ އެންމެ ފަލަ ސުރުޚީތަކަށް މެސީ އަރައިފައިވާއިރު، އެންމެ ކުރީގައި އުޅެނީ މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭ ޚަބަރެވެ.

ބައެއް ރިޕޯރޓްތައް ބުނާގޮތުން ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މެސީ މިހާރުވަނީ ކްލަބަށް އަންގާފައެވެ. ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު މެސީ އަތުގައި އޮވެއެވެ. އެގޮތުން ސީޒަނެއް ނިމުމަށްފަހު މެސީ ބޭނުންނަމަ ބާސެލޯނާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވޭނެއެވެ.

ބާސެލޯނާއާއެކު މެސީ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގެ ޖޫން 30 ގައެވެ.

މިފަހަކަށް އައިސް ބާސެލޯނާގެ ކުޅުން ބޮޑުތަނުން ބަދަލުވެ، ކުރިން ކުޅެމުން އައި ރީތި ޕާސިންގޭމް އެއްކޮށްހެން ގެއްލިފައިވާއިރު، އެކަމުގެ އަަސަރު މެސީގެ ކުޅުމަށްވެސްވަނީ ކޮށްފައެވެ. އެހެންކަމުން މެސީ ބޭނުންވާފަދަ ކާމިޔާބީއަށް ބާސެލޯނާއާއެކު ދަތުރުކުރުންމިވަނީ ވަރަށްވެސް އުނދަގޫކަމަކަށްވެފައެވެ.

އަނެއް ކޮޅުން އާ ކޯޗު ކޫމަންގެ ޕްލޭންއިން މެސީގެ ރަޙްމަތްތެރި ލުއިސް ސުއަރޭޒް ބާކީވުމަކީވެސް މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ސަބަބެއްކަމަށް ރިޕޯރޓްތައް ބުނެއެވެ.

ވޭތުވެދިޔަ 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ އެކްލަބާއެކު އެތަކެއް ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އަދި މިދުވަސްވަރުގައި އަމިއްލަ އެތަކެއް އެވޯޑުތަކެއް ހޯދައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ލިސްޓަށްވަނީ އަރާފައެވެ. އެހެންކަމުން މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް ގިނަ ބަޔަކު ޤަބޫލެއްނުކުރެއެވެ.

ދެން އުފެދޭ ސުވާލަކީ މެސީ ބާސެލޯނާ ދޫކޮށްލައިފިނަމަ، މެސީ ދެން ދެން ފެނިގެންދާނީ ކޮން ކްލަބަކުން ކަމާމެދުގައެވެ. ކޮވިޑް-19 އާއި ގުޅިގެން މާލީ ގޮތުން އެތަކެއް ހުރަސްތަކެއް ކްލަބުތަކަށް ދިމާވެފައިވީނަމަވެސް، މެސީއަށް ކިތަންމެ ބޮޑު އަގެއް ހުށަހަޅަންވެސް ގިނަ ކްލަބުތައް ތައްޔާރަށް އޮންނާނެކަމާމެދު ޝައްކެއްނެތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ