މެސީ ގޮސްފިނަމަ، ބަޔާން އަތުން ބަލިވެ ގަތްވަރަށްވުރެ ބޮޑަށް ބާސާ ލަދުގަންނަން ޖެހޭނެ!

ކެޕްޓަން ލިއޮނަލް މެސީ ބާސާ ދޫކޮށްލުމަކީ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުންވި ބަލިވެ ލަދުގަތްވަރަށްވުރެ ބޮޑަށް ބާސެލޯނާ ލަދުގަންނަން ޖެހޭނެކަމަށް އެކްލަބުގެ ކުރީގެ ރައީސް ޖޯން ގަސްޕާޓް ބުނެފިއެވެ.

ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މެސީ އަންގާފައިވާކަން ބާސެލޯނާއިންވެސް ހާމަކޮށްފައިވާއިރު، ގަސްޕާޓް ބުނީ، ބާސެލޯނާއިން މެސީ ވިއްކާލުމަކީ އެންމެ ބުއްދިވެރިގޮތް ނޫންކަަށެވެ. އަދި މެސީ ވިއްކާލައިފިނަމަ ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާގައި ބޮޑު ތަފާތަކުން ބަޔާން އަތުން ބަލިވެ ލަދުގަތްވަރަށްވުރެ ބޮޑަށް ބާސެލޯނާ ލަދުގަންނަން ޖެހޭނެކަމަށް ގަސްޕާޓް ބުންޏެވެ.

މެސީގެ ރިލީސް ކްލޯސްއަކީ 700 މިލިއަން ޔޫރޯއެވެ. ބާސެލޯނާއާއެކު މެސީ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގެ ޖޫން 30 ގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްބަސްވުން އާ ނުކުރެވިއްޖެނަމަ އަންނަ އަހަރު ފްރީ އެޖެންޓެއްގެ ގޮތުގައި މެސީއަށް އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ.

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު މެސީ އަތުގައި އޮވެއެވެ. އެގޮތުން ސީޒަނެއް ނިމުމަށްފަހު މެސީ ބޭނުންނަމަ ބާސެލޯނާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވޭނެއެވެ.

ގަސްޕާޓް ބުނީ، 700 މިލިއަން ޔޫރޯގެ ބަދަލުގައި އެއްވެސް އެއްޗެއް ނުލިބުނަސް އެއްބަސްވުން ނިމެންދެން އޭނާގެ ރައީސްކަމުގައިނަމަ، މެސީ ކްލަބުގައި ބަހައްޓާނެކަމަށެވެ.

މީގެއިތުރުން ގަސްޕާޓްވަނީ ބާސެލޯނާގެ މިހާރުގެ ރައީސް ބާޓޮމެއުއަށް މެސީ ވިއްކާލަން އެއްވެސް ވަރަކަށް މަސައްކަތްނުކުރުމަށްވެސް އިރުޝާދު ދީފައެވެ.

ފަހަކަށް އައިސް ބާސެލޯނާގައި މެސީ އާއި ޓީމުގެ ބޯޑު މެމްބަރުންނާ ހިޔާލު ތަފާތުވުންތައް ވަނީ އިތުރުވެފަ އެވެ. އެންމެ ފުރަތަމަ ކަންތައްތައް ގޯސްވާން ފެށީ މީގެ ތިން ސީޒަން ކުރިން ބާސެލޯނާ އިން ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ނޭމާ ވިއްކާލުމުންނެވެ. އޭރު ނޭމާ އާއި ބާސެލޯނާ ބޯޑު މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.

އަދި ބާސެލޯނާގެ ލީޑަޝިޕާ މެދު މެސީގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ފަހަކަށް އައިސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ އެވެ. ބާސެލޯނާގެ ޑިރެކްޓަރު ކަމުން ދާދި ފަހުން ވަކިކުރި އެރިކް އަބިދާލް ވަނީ ބާސެލޯނާގެ ކޯޗުކަމުން ޖެނުއަރީ މަހު އާނެސްޓޯ ވަލްވޭޑޭ ވަކިކުރުމުގައި ކުޅުންތެރިންގެ ރޯލެއް އޮތް ކަމަށް ބުނެފަ އެވެ.

އަބީޑާލްގެ މިއިންޓަރވިއުއާއި ގެޅިގެން ކެޕްޓަން ލިއޮނަލް މެސީ ވާހަކަ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، މެސީ ބުނީ ކުޅުންތެރިންގެ ވާހަކަ ދައްކަންޏާ، އެއީ ސީދާ ކޮން ކުޅުންތެރިންނެއްކަން ހާމަކޮށްދޭން ޖެހޭނެކަމަށާއި، ނޫންނަމަ ހުރިހާ ކުޅުންތެރިންވެސް އެކަމުގައި ޝާމިލްވާނެކަމަށެވެ.

މެސީ ބާސެލޯނާ ދޫކޮށްލައިފިނަމަ، އޭނާ ދެން ފެނުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަދި އިޓަލީގެ އިންޓަ މިލާން ތެރެއިން ކްލަބަކުންނެވެ.

މިލިޔުން ކިޔާލުމުން
121
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ