ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި އަލާމާތްތައް ހުރީ ކުޑަކޮށް ކަމަށް މަޢުމޫން ގެ ދަރިކަނބަލުން ޔުމްނާ މަޢުމޫން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އިއްޔެއެވެ.
އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫނަކީ ކޮވިޑް-19 ހައިރިސްކް ބޭފުޅެކެވެ. މިއީ، ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާތާ ގާތްގަނޑަކަށް ހައެއްކަ މަހުގެ ތެރޭގައި ދައުލަތުގެ މިހާ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ޔުމްނާ މަޢުމޫން މިއަދު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، މާތްﷲ އިރާދަފުޅުން ބައްޕަގެ ހާލުކޮޅު ރަނގަޅު ކަމަށާއި ކޮވިޑް-19 އަލާމަތްތައް ހުރީ ކުޑަކޮށް ކަމަށެވެ.
މާތްﷲ އިރާދަފުޅުން ބައްޕަ ހާލުކޮޅު ރަނގަޅު. އަލާމަތްތައް ހުރީ ކުޑަކޮށް.
— Yumna Maumoon (@yumna_maumoon) August 26, 2020
ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ޓްވީޓް ކުރައްވަމުންނެވެ.
ރާއްޖޭގައި ވަރަށް ހަލުއިކޮށް މިހާރު ދަނީ ކޮވިޑް ފެތުރެމުންނެވެ. ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ރޭ ބުނެފައިވަނީ ކޮވިޑް-19 އަށް އިއްޔެ އެކަނިވެސް 135 މީހުން ޕޮޒިޓިވުވެފައިވާ ކަމަށާއި މިއާއެކު މިބައްޔަށް މުޅި ރާއްޖެއިން ޕޮޒިޓިވުވީ މީހުންގެ ޖުމްލަ އަދަދު 7،047 އަރައިފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދު 7،000 މައްޗަށް ގޮސްފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 4،439 އެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 2،580 އެވެ. މީގެތެރެއިން 173 މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.



