ވެސްޓޯ މޯބައިލް ފިހާރަ ފަޅާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި

މާލެ، މަޖީދީމަގު ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފިއެވެ. އަދި އެ ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތިވެސް ހޯދާފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، 78240 ރުފިޔާގެ ތަކެތިހޯދާފައިވާކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް ސާމާނުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ ތަކެތި ހޯދާފައިވަނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭ ގެއާއި އޭނާއާ ގުޅުންހުރި އެހެނިހެން ތަންތަން ބަލައި ފާސްކޮށް އެ ތަންތަނުންނެވެ. އެ ފިހާރަ ފަޅާލައި 101720 ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މިހާތަނަށްކުރި ތަހުގީގުން އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި އޮގަސްޓް މަހުގެ 19 ވަނަ ދުވަހު 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ