ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ފޯވާޑު ޖޭމީ ވާޑީ އެކްލަބާއެކު އާ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ލެސްޓާއިން އެކަން ކަށަވަރުކޮށްދީފައިވާއިރު، އާ އެއްބަސްވުމާއެކު ވާޑީ 2023 އާއި ހަމައަށް ލެސްޓާގައި މަޑުކުރާނެއެވެ.
ނިމުނު ސީޒަން (2019-20) ގައި އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އެވާޑް ޙާސިލްކޮށްފައިވާ ވާޑީވަނީ ކުޅުނު 35 މެޗުން 23 ލަނޑު ކާމިޔާބުކޮށްފައެވެ. އުމުރުން 33 އަހަރު ވާޑީ ލެސްޓާއެކު މީގެކުރިން ހަދާފައިވާ އެއްބަސްވުން 2022 ގައި ހަމަވާގޮތަށް އޮތްނަމަވެސް އާ އެއްބަސްވުމާއެކު އިތުރު އެއް އަހަރު އޭނާ އެކްލަބުގައި މަޑުކުރާނެއެވެ.
A new deal for @Vardy7! ?
— Leicester City (@LCFC) August 26, 2020
ވާޑީ ބުނީ ލެސްޓާގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި އޭނާ ވަރަށް ކުޅޭ ހިތްވާކަމަށާއި، މިކްލަބުން އޭނާއަށް ފުރުޞަތު ލިބުނީތީ އުފާކުރާކަމަށެވެ. އަދި ކްލަބުގައި ރަނގަޅު ޓީމެއް އެބައޮތްކަމަށާއި، ޓީމާއެކު ކުރިއަށް އޮތް އަހަރުތަކުގައި މަސައްކަތްކުރަން އޭނާ ކެތްމަދުވެފައި ހުރިކަމަށެވެ.
ވާޑީ ލެސްޓާ ސިޓީއާއި ގުޅުނީ 2012 ވަނަ އަހަރުއެވެ. އަދި 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ލެސްޓާއިން އިންގްލިޝް ޕްރިމިއާ ލީގުގެ ތަށި އުފުލާލާފައިވާއިރު، އެމަޤާމަށް ލެސްޓާ އައުމުގައި ވާޑީގެ ޙިއްސާ ވަރަށް ބޮޑެވެ. މީގެއިތުރުން ވާޑިވަނީ 2017 ވަނަ އަހަރު ލެސްޓާއާއެކު ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.
މީގެއިތުރުން ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑުވެސް އޮންނަނީ ވާޑީ އަތުގައެވެ. ވާޑީވަނީ 2015 ވަނަ އަހަރު ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ކުޅުނު 11 މެޗެއްގައި ލަނޑު ޖަހާފައެވެ.




