ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށް އެހެން ލީގަކަށް ބަދަލުވެއްޖެނަމަ އެކަމުގެ އަސަރު ލަލީގާއަށް ކުރާނެކަމަށް ރެއަލްމެޑްރިޑްގެ ކުރީގެ ރައީސް ރޭމަން ކަލްޑެރޮން ބުނެފިއެވެ.
މިހަފްތާގެ އެންމެ ހޫނު ކުޅިވަރު ޚަބަރެއްގެ ގޮތުގައި މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭކަމުގެ ޚަބަރު ފެތުރިފައިވާއިރު، އެކަމާއި ގުޅިގެން އެތަށްބަޔަކު ދަނީ ޝުޢޫރުތައް ފާޅުކުރަމުންނެވެ.
ހަ ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އަންގާފައިވާކަން އެކްލަބުންވެސްވަނީ ހާމަކޮށްފައެވެ. ފަހަކަށް އައިސް ބާސެލޯނާގައި މެސީ އާއި ޓީމުގެ ބޯޑު މެމްބަރުންނާ ހިޔާލު ތަފާތުވުންތައް ވަނީ އިތުރުވެފަ އެވެ. އެންމެ ފުރަތަމަ ކަންތައްތައް ގޯސްވާން ފެށީ މީގެ ތިން ސީޒަން ކުރިން ބާސެލޯނާ އިން ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ނޭމާ ވިއްކާލުމުންނެވެ. އޭރު ނޭމާ އާއި ބާސެލޯނާ ބޯޑު މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.
ނިމުނު ސީޒަން ހުސް އަތާ ބާސެލޯނާއިން ނިންމާލަން ޖެހިފައިވާއިރު، އާ ކޯޗު ކޫމަންގެ ޕްލޭންއިން މެސީގެ ރަޙްމަތްތެރި ލުއިސް ސުއަރޭޒް ބާކީވުމަކީވެސް މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ސަބަބެއްކަމަށް ރިޕޯރޓްތައް ބުނެއެވެ.
ރެއަލްމެޑްރިޑްގެ ކުރީގެ ރައީސް ރޭމަން ކަލްޑެރޮން ބުނީ، މެސީ ބާސެލޯނާ ދޫކޮށްލައިފިނަމަ، ލަލީގާގެ އޭގެ ނޭދެވޭ އަޞަރުކުރާނެކަމަށެވެ. އަދި ލަލީގާގެ ކޮލިޓީއަށްވެސް ބަދަލު އަންނާނެކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ލަލީގާގައި ވޭތުވެދިޔަ 10 އަހަރު ހޭދަކޮށްފައިވުމަކީ ލީގަށް ލިބުނު ބޮޑު ނަސީބެއްކަމަށާއި، އެ ދެކުޅުންތެރިންވެސް ނެތުމަކީ ސަޕޯޓަރުންނަށާއި، ލީގަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ.
މެސީގެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެނިޝް ލަލީގާ ދޫކޮށް އިޓާލިއަން ސެރީއާއަށް ބަދަލުވީ މީގެ ދެ އަހަރު ކުރިންނެވެ.
ރޭމަން ބުނީ، އޭނާ ހީކުރި ގޮތުގައި މެސީ ކެރިއަރު ނިންމާލާނީ ބާސެލޯނާގައިކަމަށެވެ. އެހެންކަމުން މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭ ޚަބަރު ލިބުމާއެކު އޭނާއަށް ބޮޑު ސިޙުމެއް ލިބުނުކަމަށްވެސް އޭނާ ބުންޏެވެ.
މިފަހަކަށް އައިސް ބާސެލޯނާގެ ކުޅުން ބޮޑުތަނުން ބަދަލުވެ، ކުރިން ކުޅެމުން އައި ރީތި ޕާސިންގޭމް އެއްކޮށްހެން ގެއްލިފައިވާއިރު، އެކަމުގެ އަަސަރު މެސީގެ ކުޅުމަށްވެސްވަނީ ކޮށްފައެވެ. އެހެންކަމުން މެސީ ބޭނުންވާފަދަ ކާމިޔާބީއަށް ބާސެލޯނާއާއެކު ދަތުރުކުރުންމިވަނީ ވަރަށްވެސް އުނދަގޫކަމަކަށްވެފައެވެ.
ވޭތުވެދިޔަ 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ އެކްލަބާއެކު އެތަކެއް ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އަދި މިދުވަސްވަރުގައި އަމިއްލަ އެތަކެއް އެވޯޑުތަކެއް ހޯދައި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ލިސްޓަށްވަނީ އަރާފައެވެ. އެހެންކަމުން މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް އަދވެސް ގިނަ ބަޔަކު ޤަބޫލެއްނުކުރެއެވެ.



